04 Sep 2010, 11:09
މާރާމާރީތަކާހުރެ، ހުއްޓާލާފައި އޮންނަތާ ދެ އަހަރު ފަހުން ބައިބަލާ ގްރޫޕްތަކުން އަލުން ބައިލާ ކުޅެން ބޭނުންވުމުން ބައިބަލާ އަށް ރުހުން ދެވެން ނެތް ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ފުލުހުން އައީ ބުނަމުންނެވެ. ފުލުހުން ބުނެފައި ވަނީ ބައިބަލާގެ ސަބަބުން މާރާމާރީގެ ސިލްސިލާތައް ފެށޭ ކަށާއި ލޭ އޮހޮރުވުން މިދުވަސްކޮޅު މާލޭގައި ކޮންޓްރޯލް ނުވެދާއިރު މާރާމާރީތަކަށް މަގު ފަހިވާ ބައިބަލާ ކުޅޭނެ ފުރުސަތު ދެވެން ނެތް ކަމަށެވެ.
ނަމަވެސް ޒުވާނުންގެ ބަޔަކު މުލީއާގޭ ދޮށަށް އެއްވެ ބައިލާ ކުޅުމުގެ ހުއްދައަށް އެދުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް ހާއްސަ ހުއްދައެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހަމައެއާއެކު މާލޭ މުނިސިޕަލްޓީން މާލޭގައި ބައިބަލާ ކުޅުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ. ބައިބަލާ ކުޅުމުގެ ހުއްދަ ދިނުމާ އެކު ގްރޫޕްތަކުން މިހާރު ފަރިތަކުރަން ފަށާފައިވާ ކަމަށްވެ އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ބައިލާ ކުޅުމަށް އެއްބާރުލުން ދެވެން ނެތްކަމަށް ފުލުހުން ބުނެފައި ވަނިކޮށް ރައީސްގެ ހާއްސަ ހުއްދައެއްގެ ދަށުން ބައިބަލާ ކުޅެން ހުއްދަ ދިނުމުން ޒިންމާދާރު ގޮތުގައި ބައިބަލާގެ ކަންކަން އިންތިޒާމު ކުރުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކުރާ ކަމަށެވެ.
ފުލުހުން އިޝާރާތްކުރާ ބޮޑެތި މާރާމާރީތަކާ ހެދި ހުއްޓާލާފައި އޮތް ބައިބަލާ އަލުން މިއަހަރު ފަށަނީ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ އެހީތެރިކަމާ އެކު އެވެ. ފިތުރު އީދުގެ ދުވަސްތަކުގައި ބައިބަލާ ކުޅެން ބޭނުންވި ފަރާތްތަކަށް އެ ހުއްދަ ދީފައި ވަނީ މާލޭ ހެދި ގޮނޑުދޮށުގައި ކުޅުމަށެވެ.