ހުޅުމާލެ ދެވަނަ ފިޔަވައްސަށް އަރާ ބުރިޖުގައި ދެ ކާރު ޖެހި، އެއް ކާރު ފުރޮޅުލާއިފި
ހުޅުމާލެ ދެވަނަ ފިޔަވައްސަށް އަރާ ބުރިޖުގައި ދެ ކާރު ޖެހި، އެއް ކާރު ފުރޮޅުލާއިފި

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަރާ ބުރިޖެއްގައި ރޭ ދަންވަރު ދެ ކާރު ޖެހި، އެއް ކާރު ފުރޮޅާލައިފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގު ބްރިޖްގައި ދެ ކާރު ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް ދަންވަރު 02:43 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި އޭގެ ތެރެއިން އެއް ކާރު ފުރޮޅާލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އެއްވެސް މިހަކަށް ބޭރު ފުށުން ޖިސްމާނީ އަނިޔާއެއް ނުވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ބުރިޖު މަތީގައި ހިނގި އެކްސިޑެންޓް -- ފޮޓޯ/ އެމްވީކްރައިސިސް

އެ ހާދިސާ ހިނގި ވަގުތު ދެ އުޅަނދުގައި ތިބި މީހުންގެ ތަފުސީލެއް ފުލުހުން ނުދެއެވެ.

އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ދެ ކާރު ދުއްވި ކަމަށް ބެލެވެނީ ދެވަނަ ފިޔަވަހިން އެއްވަނަ ފިޔަވައްސަށެވެ. އެގޮތުން، އެއް ކާރު ބުރިޖު މަތީގައި ފުރޮޅާލައިފައި އޮތް މަންޒަރު ވީޑިއޯއިން ފެނެއެވެ. ދެވަނަ ކާރު ފެންނަނީ ބުރިޖަށް އަރާ ދިމާލުންނެވެ. އެ ދިމާލުގައި ހުރި ގަސްމުށްޓެއްގައި ކާރު ޖެހުނު ކަމަށް، ވީޑިއޯއިން ބެލެވެއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު 1,013 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާއިރު، މި މަހުގެ މިހާތަނަށް އެކަނިވެސް 190 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.