ތެޔޮ އަގުބޮޑުވުމުގެ ސަބަބުން ޖަރުމަނުގެ އެއާލައިން ލުފްތަންސާއިން ހޫނު މޫސުމުގައި ޔޫރަޕަށް ކުރަން ހަމަޖެހިފައިވާ ކުރު ދަތުރުތަކުގެ 20،000 ފްލައިޓް ކެންސަލްކުރާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން މަތިންދާ ބޯޓަށް އަޅާ ތެޔޮ ނުވަަތަ ޖެޓް ފިއުލް އަގު ވަނީ ދެގުނައަށް އުފުލިފައެވެ.

ލުފްތަންސާއިން އަންގާރަ ދުވަހު ބުނީ، ފްލައިޓްތައް ކެންސަލް ކުރުމުން ގާތްގަނޑަކަށް 40،000 މެޓްރިކް ޓަނުގެ ޖެޓް ފިއުލް ސަލާމަތްކުރެވޭނެ ކަމަށެވެ.

ފްލައިޓްތައް ކެންސަލްކުރުމުން ގެއްލުން ލިބޭ ފަސިންޖަރުންނަށް ރިފަންޑް ނުވަތަ އެ އެއާލައިންތައް ކަމަށްވާ ސްވިސް، އޮސްޓްރިއަން އެއާލައިންސް، ބްރަސެލްސް އެއާލައިންސް، އަދި އައިޓީއޭ އެއާވޭސްއަށް ފްލައިޓް ބަދަލުކުރާނެއެވެ.

ކޭއެލްއެމް-ފްރާންސް އަދި ޑެލްޓާ ފަދަ ބައެއް އެއާލައިންތަކުން ވެސް ބައެއް ފްލައިޓްތައް ވަގުތީ ގޮތުން ކަނޑާލާފައިވާއިރު ބައެއް އެލާއިންތަކުން ވަނީ ޚަރަދު ފޫބެއްދުމަށް ޓިކެޓްގެ އަގު ބޮޑުކޮށްފައެވެ.

ހަނގުރާމަ އިތުރަށް ކުރިއަށްދާނަމަ، އިތުރު ފްލައިޓްތައް ކެންސަލްވާނެ ކަަމަށް ބެލެވޭ ކަމަށް ވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ގަލްފް ގައުުމުތަކަކީ އޭވިއޭޝަން ފިއުލް އެންމެ ގިނައިން އިމްޕޯޓުކުރާ ގައުމުތަކަށްވާއިރު، ޔޫރަޕަށް އިމްޕޯޓްކުރާ ޖެޓް ފިއުލްގެ ގާތްގަނޑަކަށް 50 އިންސައްތަ އިމްޕޯޓުކުރަނީ ވެސް ގަލްފްގެ ގައުމުތަކުންނެވެ. ތެލުގެ ބޮޑު ބައެއް އުުފުލަނީ ހަނގުރާމައިގެ ސަބަބުން އީރާނުން ކޮންޓްރޯލު ނަގާފައި އޮތް ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ.

ތެޔޮ ނުލިބުމުގެ ކަންބޮޑުވުން

އިނގިރޭސިވިލާތުގެ ސަރުކާރާއި އެއާލައިންތަކުން ފިއުލް ސަޕްލައިއަށް ބުރޫ ނާރާ ކަމަށް ބުނި ނަމަވެސް، ޔޫރަޕްގައި ޖެޓް ފިއުލް މިހާރު ހުރީ އެންމެ ހަ ހަފުތާއަށް ފުދޭވަރަށް ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީން މިދިޔަ ހަފުތާގައި ވަނީ ބުނެފައެވެ.

އީޔޫއިން ބުދަ ދުވަހު ބުނީ، އީޔޫގެ އުފެއްދުމާއި އިމްޕޯޓާއި އެކްސްޕޯޓް އަދި ދަތުރުފަތުރުގެ ފިއުލްގެ ސްޓޮކް ލެވެލް ޓްރެކްކޮށް، ދަތިވެދާނެ ކަންކަން ދެނެގަތުމަށް ފިއުލް އޮބްޒަވޭޓަރީއެއް ގާއިމުކުރާނެ ކަމަށެވެ.