އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އެލިޒެބަތު (ދެވަނަ)ގެ ކޮމަންވެލްތު ޓްރަސްޓް (ކިއުއީސީޓީ)ގެ ސަތޭކަ ޒުވާން ލީޑަރުންގެ ތެރޭ ދިވެއްސަކު ހިމެނިއްޖެއެވެ.

ކިއުއީސީޓީގެ 100 ޒުވާން ލީޑަރުންގެ ތެރޭ ހިމެނުނު ދިވެއްސަކީ ޑރ. ރީމް ޒާހިރެވެ.

ޑރ. ރީމްއަކީ އަންހެނުންގެ ސިއްހަތާއި ދަރިމައިވުމާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ފެމް ހެލްތު މޯލްޑިވްސްގެ ކޯ-ފައުންޑަރު، އަދި ރައީސާއެވެ.

ޗައިނާގެ ޑާލިއަން މެޑިކަލް ޔުނިވާސިޓީން ބެޗެލާސްއިން މެޑިސިން، ބެޗެލާސް އޮފް ސާޖަރީ ހާސިލްކޮށް، މެޑިސިން އިން އެމްބީބީއެސް ހާސިލުކުރައްވައިފައިވާ ރީމް ވަނީ ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގައި ފަސް އަހަރު ވަންދެން ޕްރޮގްރާމް މެނޭޖަރެއްގެ މަގާމު ފުރުއްވައިފައެވެ.

އަމީނިއްޔާ ސްކޫލުން ސާނަވީ ތައުލީމު ހާސިލުކުރެއްވި ރީމް ވަނީ ދިވެހި ގާލް ގައިޑުންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބެޖު 2013ވަނަ އަހަރު ހާސިލްކުރައްވައިފައެވެ.

(ކިއުއީސީޓީ)ގެ ސަތޭކަ ޒުވާން ލީޑަރުންގެ ތެރޭ ރީމް ހިމެނުނީ ރާއްޖޭގައި އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.