ރަޔަންގެ 'ޕްރޮޖެކްޓް ހެއިލް މޭރީ' އެހާ އަވަހަށް އޯޓީޓީ ޕްލެޓްފޯމްތަކަށް ނާންނާނެ
ރަޔަންގެ 'ޕްރޮޖެކްޓް ހެއިލް މޭރީ' އެހާ އަވަހަށް އޯޓީޓީ ޕްލެޓްފޯމްތަކަށް ނާންނާނެ

ހޮލީވުޑްގެ އެކްޓަރު ރަޔަން ގޮސްލިންގެ އާ ފިލްމު "ޕްރޮޖެކްޓް ހެއިލް މޭރީ" އޯޓީޓީ ޕްލެޓްފޯމްތަކަށް އަންނަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް އޭގެ ކޯ-ޑައިރެކްޓަރު ކްރިސްޓޮފާ މިލާ ބުނެފިއެވެ.

ކްރިސްޓޮފާ މިލާ މިގޮތަށް ބުނެފައިވަނީ، ކާމިޔާބު ސައިންސް ފިކްޝަން ފިލްމު "ޕްރޮޖެކްޓް ހެއިލް މޭރީ" ސިނަމާތަކުގައި ދައްކާ މުއްދަތު އެމަޒޯން އެމްޖީއެމްއިން އިތުރުކުރުމާ ގުޅިގެންނެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މިލާ ބުނެފައިވަނީ، "ޕްރޮޖެކްޓް ހެއިލް މޭރީ" ހަމައެކަނި ސިނަމާތަކުގައި ދައްކާ މުއްދަތު އިތުރުކުރުމަށް އެމްޖީއެމްއިން ނިންމާފައިވާ ކަމަށާއި އެހެންކަމުން ބެލުންތެރިން އުންމީދުކުރާހާ އަވަހަށް ސްޓްރީމިން ޕްލެޓްފޯމްތަކަށް މި ފިލްމު ނާންނާނެ ކަމަށެވެ.

މިއީ ބޮޑު ސްކްރީނުން ބަލާލަންޖެހޭ ފިލްމެއްކަން ފާހަގަކުރަމުން މިލާ ބުނީ، މި ހަފުތާ ބަންދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް އައިމެކްސް ސްކްރީންތަކަށް ފިލްމު އެނބުރި އަންނާނެ ކަމަށެވެ. އަދި، އާއިލާއާއި ރައްޓެހިންނާ އެކު ސިނަމާއަށް ގޮސް މި ތަޖުރިބާ ހޯދުމަށް އޭނާ އެދިފައިވެއެވެ.

ފިލްމު "ޕްރޮޖެކްޓް ހެއިލް މޭރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އެންޑީ ވެއާގެ މަޝްހޫރު ނޮވެލްގެ މައްޗަށް ބިނާކޮށް، އުފައްދާފައިވާ މި ފިލްމުގައި ރަޔަން ގޮސްލިންގެ އިތުރުން ސަންޑްރާ ހުލަ، ޖޭމްސް އޮރްޓިޒް އަދި ލަޔޮނަލް ބޯއިސް ފަދަ ތަރިން ފެންނާނެއެވެ. މި ފިލްމު އިންޑިއާގެ ސިނަމާތަކުގައި ދައްކަން ފަށާފައިވަނީ މިދިޔަ މަހުގެ މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.

"ޕްރޮޖެކްޓް ހެއިލް މޭރީ" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. އެގޮތުން، 248 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް މުޅި ދުނިޔެއިން މިހާތަނަށް 538 މިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ވަނީ ލިބިފައެވެ. އިންޑިއާގައި އެކަނި ވެސް މި ފިލްމަށް 73.50 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެއެވެ.