ބޮޑެތި މީހުންނަށް ޖިންސީ ގޯނާ ކުރުމާ ބެހޭ ބިލެއް ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ނަޝީދު މިއަދު ވިދާޅުވީ ބޮޑެތި މީހުންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ދޭންވީ އަދަބުތައް ކަނޑައަޅައި "ޖިންސީ ކުށުގެ ބިލް"ގެ ނަމުގައި ބިލެއް މަޖިލީހަށް ފޮނުވާފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑެތި އަންހެނުން ރޭޕްކުރުމާއި ޖިންސީ ގޮތުން އަންހެނުންނަށް އެތަކެއް އަނިޔާތަކެއް ދިންކަމުގައި ވިޔަސް އެފަދަ ކުށްތަކަށް ރާއްޖޭގައި މިހާތަނަށް އަދަބުދެވިފައި ވަނީ ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގެ ދެ ތިން މާއްދާއެއްގެ ދަށުން ކަމަށާއި އެފަދަ ބޮޑެތި ކުށްތަކަށް އަދަބު ދިނުމަށް އެ ގަވާއިދުގައިވާ މާއްދާތައް މާ ހަނިކަމަށެވެ.

"ރޭޕްކުރުމަކީ، ޖިންސީ ގޯނާ ކުރުމަކީ، އިހާނެތި ޖިންސީ އަމަލު ހިންގުމަކީ، ވީޑިއޯ އާންމުކުރުމަކީ، ބްލެކްމެއިލް ކުރުމަކީ، ރާއްޖޭގެ ގާނޫނުގައި އޭގެ ރުކުންތައް ވަކިވަކިން ބަޔާންކުރެވި، އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށެއް ނޫން. ރާއްޖޭގައި މިހާތަނަށް ހިނގާ މިކަހަލަ ކަންކަމަށް އަދަބު ދެވެނީ ބަދުއަޚްލާގީ އަމަލުގެ ގޮތުގައި، ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން ދެވޭ އަދަބެއްގެ ގޮތުގައި. ރާއްޖޭގައި ހިނގާ މިބާވަތުގެ ކުށަށް އަދަބު ދެވޭވަރަށް ވުރެ ޝަރީޢަތްކުރުމުގެ ގަވާއިދުގައި އެ އޮތް ކަމާ ބެހޭ ދެތިން މާއްދާ މާ ހަނި،" ނަޝީދު ވިދާޅުވި އެވެ.

ޒަމާނަށް އައި ބަދަލާ އެކު މިހާރު ރާއްޖޭގައި މިބާވަތުގެ ކަންކަން ހިނގާގޮތް ފުޅާވެ، ނުރައްކާވެ އެކަން ކުރުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި މިފަދަ ގާނޫނެއް ހެދުމުގެ ބޭނުމަކީ އެފަދަ ކުށްތައްކުރާ މީހުންނަށް އެކަށީގެންވާ އަދަބު ދެވޭނެގޮތެއް ހަމަޖައްސައި ދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސާޖު ޕާލާގެ ނަމުގައި ހިންގާ ހަށިވިއްކާ ތަންތަން ރާއްޖޭގައި މިހާރު ވަރަށް ގިނަ ކަމަށާއި އެފަދަ ތަންތަން ހިންގާ މީހުންނަށް އަދަބުދެވޭނެ ގޮތެއް މި ގާނޫނުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން އެފަދަ ތަންތަން ހިންގުމުގެ އިތުރުން ހަށިވިއްކުމާއި ހަށިވިއްކުވުމާއި އެހެން މީހަކު ލައްވައި ހަށިވިއްކުވުމާއި އެކަން ކުރަން ރާއްޖެ އިން ބޭރުން މީހުން ގެނައުމާއި އެކަން ކުރާ ތަންތަން ހިންގައިގެން ލިބޭ އާމްދަނީ ބޭނުން ކުރުމަކީ ވަކި ވަކި ކުށްތަކެއްގެ ގޮތުގައި ކަނޑައަޅައި އެފަދަ ކުށްތަކަށް ދޭނެ އަދަބު ވެސް އެ ގާނޫނުގައި ކަނޑައެޅިފައިވާނެ ކަމަށެވެ.

"މިގާނޫނުގެ ސަބަބުން ފަސޭހަވެގެންދާނެ އެއްކަންތައްތަކަކީ އެއީ. މިގާނޫނުގައި އިންނާނެ ވަކިވަކި ކުށުގެ ގޮތުގައި ކަނޑައަޅާފައި ހަށިވިއްކުމާއި ހަށިވިއްކުވުމާއި އެހެން މީހަކު ލައްވައި ހަށިވިއްކުވުމާއި އެކަން ކުރަން ބޭރުން މީހުން ގެނައުމާއި އެކަން ކުރާ ތަންތަން ހިންގުމާއި އެތަންތަނުން ލިބޭ އާމްދަނީން ދިރިއުޅުމާއި އެ އާމްދަނީ ބޭނުންކުރުމާއި މިހުންނަނީ ވަކިވަކި ކުށްތައް. އެހެންވީމަ ވަރަށް ފަސޭހަވެގެންދާނެ އެއިން ގޮޅިއަކަށް ވާއްދާފައި އެ މައްސަލައެއް ގެންދަން،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންހެނުންނާ މެދު ކުރެވޭ އެކިއެކި ޖިންސީ އަނިޔާ އާއި ޖިންސީ އަމަލުތައް ޝަރީއަތަށް ސާބިތުކުރުމަށް ޓަކައި އާންމުކޮށް މިހާރު ގެންގުޅޭ ހެކިތަކުން ނުފުދޭނެ ކަމަށާއި އެފަދަ ކުއްތައް ޝަރީއަތަށް ސާބިތު ކުރުމަށް ޓަކައި އާންމުކޮށް ޝަރީއަތުން ބަލައިގަންނަ ހެކިތަކަށް ވުރެ ތަފާތު ހެކިތަކެއް މައްސަލަ ސާބިތުކުރުމުގައި ބޭނުންކުރެވޭނެ މިންގަނޑެއް އެ ގާނޫނުގައި ކަނޑައަޅާފައިވާނެ ކަމަށެވެ.

"މި ގާނޫނުގައި ހެކީގެ ވަކި ނިޒާމެއް ކަނޑައަޅާފައި އޮންނާނެ. އަންހެނުންނާ މެދު ކުރެވޭ އެކިއެކި ޖިންސީ އަނިޔާއާއި ޖިންސީ އަމަލާއި މިކަހަލަ ކަންކަން ސާބިތު ކުރާކަށް އާންމުކޮށް މިގެންގުޅޭ ބާވަތުގެ ހެއްކަކުން ނުފުދޭނެ. ޚާއްސަ ހެކީގެ މިންގަނޑެއް މިބިލްގައި ކަނޑައަޅައި ދީފައި އޮންނާނެ. އާންމުކޮށް ބަލައިގަންނަ ހެއްކާއި ތަފާތުކޮށް. އެމީހަކާ އެއްކޮޅަށް ސާބިތުކުރުމަށް ބޭނުން ކުރެވޭނެ ހެކިވެސް ބުނެދީފައި ހުންނާނެ. އަދި އެމީހަކާ ދެކޮޅަށް މައްސަލަ ސާބިތު ނުވާގޮތަށް ބޭނުން ކުރެވޭނެ ހެކި ވެސް ބަޔާންކޮށްދީފައި ހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

މިހާރު އަމަލު ކުރަމުންދާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމާ ބެހޭ ގާނޫނަކީ ވެސް ނަޝީދު މަޖިލީހަށް ހުށަހެޅުއްވުމުން ފާސްކޮށްފައިވާ ގާނޫނެކެވެ. އަދި އެ ގާނޫނު ވުޖޫދަށް އައުމަށް ފަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވަރަށް ގިނަ މީހުންގެ މައްޗަށް ކުށް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ރާއްޖޭގެ އެކިއެކި ކޯޓުތަކުން ވަނީ ހުކުމް ކޮށްފަ އެވެ.