22 Apr 2026, 17:57
ނިމިދިޔަ ރަމަޟާން މަހު ޑިސްކައުންޓު ދިން ކަރަންޓު ބިލަށް ފަހު ދެން އައި ބިލުތައް ވަރަށް ބޮޑަށް ބޮޑުވެފައިވާ ކަމަށް ބުނެ، އާންމުން ކަންބޮޑުވުންފާޅު ކުރަން ފަށައިފިއެވެ.
ނިމިދިޔަ ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލަށް އެންމެ ބޮޑުވެގެން އަރާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ސިޔާސަތުގެ ދަށުން، ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ހުރިހާ ތަނަކަށް މި ލުއި ލިބިގެންދިޔައިރު، މިއީ އާންމު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މީގެ އިތުރުން، ކަރަންޓު ބިލުގައި ހިމަނައިގެން ވެމްކޯއަށް ދައްކަންޖެހޭ 150 ރުފިޔާގެ ފީވެސް މި މުއްދަތުގައި ދައްކައިދިނީ ސަރުކާރުންނެވެ.
އެފަހުން ދެން އައި ކަރަންޓު ބިލުތައް ބޮޑުވެ، އާންމުން ދަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެގޮތުން ބައެއް ގޭބީސީތަކުގެ ބިލު ކުރިއާ ޚިލާފަށް ދެގުނަ ބޮޑުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާލެ ސަރަހައްދަށް ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދޭއިރު، އަތޮޅުތެރެއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ.
ރޯދަމަހުގެ ބިލުތަކަށް ފަހު އަދި ސްޓެލްކޯއިން ބިލުތައް ފޮނުވާފައެއް ނެތެވެ. ނަމަވެސް ފެނަކައިން ފޮނުވި ބިލުތަކުގެ އަގުތައް ބޮޑުވެ މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މީގެ ކުރިން 1،000 ރުފިޔާ ވެސް ނާރާ ގޭބީސީތަކުގެ ކަރަންޓު ބިލުތަކަށް 3،000 ރުފިޔާއަށް ވުރެ މަތިން ބިލު އައިސްފައިހުރި ކަމަށް ބުނެ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ސްކްރީންޝޮޓްތައް ހިއްސާކުރަމުންނެވެ.
އެކަމުގެ ސަބަބުން ސޯޝަލް މިޑިއާގައި ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ފޭސްބުކްގައި ހަސަން ޝަކީބު ކިޔާ މީހަކު ހިއްސާކުރި ޕޯސްޓެއްގައި ވަނީ ރޯދަ މަހު 400 ރުފިޔާއަށް ބިލު ކުޑަކޮށްދިނުމަށް ފަހު މި މަހު ބިލުކުރީ ޑިސްކައުންޓު ދިން ބައި އިތުރަށް ލައިގެން ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔައިފައެވެ. އަދި 700 ރުފިޔާ އަރާ ގޭގެއަށް އެއަށް ވުރެ ދެގުނަ ބޮޑުކޮށް ބިލުކޮށްފައިވާ ކަމަށް ބުނެ އޭނާ ވަނީ ނުރުހުންފާޅު ކޮށްފައެވެ.
މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ވަނީ ދިމާވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ރޯދަމަހު ވެސް ކަރަންޓު ބިލުތަކުން ޑިސްކައުންޓު ދީފައިވެއެވެ. އެފަހަރު ދިނީ ކޮންމެ ބިލަކަށް އަރާ ވަރުގެ 10 ޕަސެންޓް ޑިސްކައުންޓެވެ.
ނަމަވެސް އެފަހަރު ރޯދަ މަހު ޑިސްކައުންޓް ލައިގެން ވެސް ކަރަންޓު ބިލުތައް ބޮޑުވި ކަމުގެ ޝަކުވާ ފެންމަތިވިއެވެ. އެއާއެކު ސްޓެލްކޯއިން ބުނެފައި ވަނީ ކަރަންޓު ބިލުތައް ބޮޑީ ހޫނު މޫސުމާ ދިމާވެ، ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުން ކަމަށެވެ.
ސަރުކާރުން ފޯރުކޮށްދޭ ކަރަންޓަކީ، ބޮޑު އަގުގައި ބޭރުގެ ބާޒާރުން ރާއްޖެއަށް ތެޔޮ ގަނެގެން، ވަރަށް ބޮޑު ސަބްސިޑީއެއް ދީގެން އާންމުންނަށް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތެކެވެ.