ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާ މެދު ގާނޫނުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަން އިމިގްރޭޝަނުން އަނެއްކާ ވެސް ބުނެފި އެވެ.

ސަރުކާރުގެ ގެޒެޓްގެ މިއަދުގެ އަދަދުގައިވާ އިމިގްރޭޝަންގެ އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކުރާތަނެއްގައި ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅުމާއި ބިދޭންސީން ލައްވައި މަސައްކަތް ކުރުވުމަކީ އިމިގްރޭޝަންގެ ގާނޫނުން މަނާކަމެއް ކަމުގައިވާ އިރު އެފަދަ ގޮތަކަށް ބިދޭސީއަކު ގެންގުޅޭ ނަމަ އެފަދަ ބިދޭސީން އެފަރާތެއްގެ މަސައްކަތަށް ބަދަލުކޮށް ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެޑިޕާޓްމަންޓުން ކުރިއަށް ގެންދާ އެކިއެކި އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅޭ އެފަދަ ބިދޭސީން ގެންގުޅޭ ފަރާތެއް ފާހަގަކުރެވިއްޖެ ނަމަ އެފަރާތެއް 50،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ގަވާދާއި ހިލާފަށް ބިދޭސީން ގެންގުޅުނު ފަރާތެއްގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު އެ ޑިޕާޓްމަންޓަށް އިމިގްރޭޝަނުންގެ ގާނޫނުން ލިބިދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އިތުރުވެފައިވާއިރު އެފަދަ ފަރާތްތައް ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ގެންދަނީ މަސައްކަތް ކުރަމުންނެވެ.