13 Sep 2012, 15:41
ލ. ފޮނަދު އަށް ކަރަންޓް ހިދުމަތް ދިނުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް 500 ކިލޯގެ އިތުރު ޖަނަރޭޓަރެއް ގެނަން އޯޑަރު ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑިރެކްޓުން ބުނެފި އެވެ.
މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިމާލް ވިދާޅުވީ ފޮނަދު އަށް ކަރަންޓްގެ ހިދުމަތް ދާއިމީ ގޮތެއްގައި ދިނުމަށް ސަރުކާރުން ގަތުމަށް ހަމަޖެއްސާފައިވާ ޖަނަރޭޓަރަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށަށް ގެނައުމަށް މިހާރު އޯޑަރު ދީފައި ވަނީ 500 ކިލޯ ވޯޓްގެ ޖަނަރޭޓަރަކާއި ޕެނަލް ބޯޑެއް ކަމަށެވެ. ނަމަވެސް އެއީ އަގުގެ ގޮތުން ކިހާވަރެއް ކަމެއް ވިދާޅުވުމަށް ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ ރައްޔިތުން އިންޖީނުގެ ހިންގަމުންދިޔަ އިރު ބޭނުން ކުރި ތިން ޖަނަރޭޓަރުގެ ތެރެއިން 500 ކިލޯ ވޯޓްސްގެ އިންޖީނު އިންސްޓޯލް ކުރިތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ހަލާކުވުމާ ގުޅިގެން ދާދި ފަހުން ސަރުކާރުން ގެނައި އިތުރު ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ބޭނުން ކުރަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަލާކުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދޮޅުމަސް ދުވަސް ދުވަހުގެ ތެރޭގައި އަލަށް ގެންނަ ޖަނަރޭޓަރުން ކަރަންޓް ދެވޭނެ ކަމަށާއި އޭގެ ސަބަބުން ކަރަންޓް ދޫކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑު އުއްމީދު ކުރަން މިގެންނަ ޖަނަރޭޓަރު ގެނެސް އިންސްޓޯލް ކުރެވުނީމާ ފޮނަދޫގެ ރައްޔިތުނަށް ކަރަންޓް ލިބުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް،" ނިމާލް ވިދާޅުވި އެވެ.
ލ. ފޮނަދޫން ކަރަންޓް ކެނޑެމުން ދިއުމާއި ހިދުމަތް ރަނގަޅަށް ލިބެމުން ނުދާތީ އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މި ހަފްތާގައި ވަނީ މުޒާހަރާކޮށްފަ އެވެ.
މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ފެނަކަ ކުންފުނިން ފޮނަދޫ އިންޖީނުގޭގެ ހަރަދުތައް ބަލަހައްޓަމުން އައިސް، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފެނަކަ ކުންފުނީގެ ދަށަށް އެ އިންޖީނުގެ ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. އަދި މިއީ ފެނަކަ ފުންފުނީގެ ދަށަށް ގެނެސްފައިވާ ފުރަތަމަ އިންޖީނުގެ އެވެ.