މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ޝަފީގް އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ހާމަކުރެއްވި ގޮތުގައި، މި މަޤާމުތަކަށް އައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ 2861، ޙުސެއިން ޝަފީގެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.

މިއީ މި ދައުރުގައި އެމްޕީއެލަށް އައްޔަންކުރާ ތިންވަނަ ވެރިޔާއެވެ.

މި ދައުރުގައި އެންމެ ފުރަތަމަ އެ މަގާމުގައި ހުންނެވި ވަޖީހު އިބްރާހިމް އައްޔަން ކުރީ 2023ވަނަ އަހަރުގެ ނޮވެމްބަރު 28ގައެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީގައެވެ.

އެއަށްފަހު ހަމަ އެ މަހު، އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީކަމުގެ މަގާމަށް އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ މުޙައްމަދު ރިޝްވާން އައްޔަންކުރިއެވެ.

ނަމަވެސް މި މަހު އަނެއްކާ ވެސް އެ މަގާމު ހުސްވީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަނުފެންނަ ވޯޓުގައި ސަރުކާރަށް ބޮޑު ނާކާމިޔާބެއް ލިބިފައިވަނިކޮށް، ސަރުކާރުގެ ކުންފުނިތަކުން އެކި ބޭފުޅުން ވަކިކޮށް، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަނިކޮށް ރިޝްވާން ވެސް އިސްތިއުފާ ދެއްވުމުންނެވެ.

ރިޝްވާނު އިސްތިއުފާ ދެއްވީ މި މަހުގެ ހަވަނަ ދުވަހެވެ.