ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ޕޭ ފްރޭމްވާކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކަށް ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދާކަމަށް ޕޭ ކޮމިޝަނުން ބުނެފިއެވެ.

މި މަސައްކަތަކީ މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރަން ފެށުމުން ދިމާވާ ދަތިތައް ނައްތާލުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ސިވިލް ސާވިސް އާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން މިދިޔަ ނޮވެމްބަރު އެއްވަނަ ދުވަހު ޕޭ ފްރޭމްވޯކަށް ވަނީ ބަދަލުވެފައެވެ.

އެ ކޮމިޝަނުން ހާމަކުރި ގޮތުގައި، އޭގެ ފަހުން ދައުލަތުގެ އިތުރު ހަ މުއައްސަސާއެއް މި އޮނިގަނޑަށް ބަދަލުކޮށް ނިމުމާ އެކު، މިހާރު ޖުމްލަ 93 އިންސައްތަ މުއައްސަސާ ވަނީ މި ފްރޭމްވާކާ ގުޅިފައެވެ.

ޕޭ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ޕޭ ފްރޭމްވާކަށް ހިޖުރަކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ބަލައި، އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެ ކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

"މީގެ ބޭނުމަކީ މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރަން ފެށުމުން ދިމާވާ ދަތިތައް ނައްތާލައި، މުވައްޒަފުންގެ ހުރި ޝަކުވާތަކަށް އެކަށީގެންވާ ޖަވާބެއް ހޯދައިދިނުން،" އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން، މި ފްރޭމްވާކަށް އަދި ބަދަލުނުވެ ހުރި މުއައްސަސާތައް މި އޮނިގަނޑަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ތަނުގައި ނިމޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ބާކީ ހުރި މުއައްސަސާތައް މި އޮނިގަނޑަށް ބަދަލުކުރުމަށް ޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންކަމަށް ބުންޏެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މުސާރައިގެ އޮނިގަނޑު އެއްހަމަކޮށް، އިންސާފުވެރި އަދި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެން ދިއުން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.