މޯލްޑިވްސް ޕޮލިސް ސާވިސްގައި ހިދުމަތްކުރައްވާ ފުލުހުނަށް ބޯހިޔާވައިކަން ފޯރުކޮށްދޭ ސުކީމެއްގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން(އެޗްޑީއެފްސީ) އާއި ޕޮލިހާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ހުސެއިން އާދަމް ބިލްޑިންގައި ބޭއްވި ހަފްލާއެއްގައި އެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އަބުދުލްﷲ ރިޔާޒް އެވެ. އަދި އެޗްޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ސުހެއިން އަހުމަދު ސޮއިކުރި އިރު އެޗްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޕުރިޔަންކާ ބަޑެކިތަނާ އެވެ.

އެ ރަސްމިއްޔާގުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވީ "ބުލޫސް ހައިސިން ސުކީމް" ނަމުގައި މިއަދު ތައާރަފު ކުރި ސުކީމުގެ ސަބަބުން ފުލުހުންގެ އަސާސީ އަދި ޒަރޫރީ ކަންތައްތަކަށް މަގުފަހިކޮށްދެއްވުމަކީ ގައުމީ ދުވެލި އެންމެ ބާރުމިނުގައި ކުރިއަށް ދާނެ ކަމަށެވެ.

"ރައީސް މައުމޫންގެ ވެރިކަމުގައި މިކަން މިގޮތަށް ކޮށްފައިވޭ އެގޮތުން ބަނޑޭރިކޮށި ވަކި އުސުލެއްގެ މަތިން ސިފައިނަށް ދެއްވާފައިވޭ، އަދި ރައީސް މައުމޫންގެ ވެރިކަމުގެ ކުރިއަށް ބަލާލިކަމުގައި ވިޔަސް ސިފައިނަށް ބަނޑުހަނޑޫ ދީފައިވޭ އަދި އެހެނިހެން ކަންތައްތައް ހަމަޖައްސާފައިވޭ،" އަރީފް ވިދާޅުވި އެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ގައުމު މިއޮތް ހިސާބަށް ވާސިލުވި އިރު ފުލުހުންނަކީ ވަރަށް ގިނަ ވަގުތުތަކެއް ހޭދަކޮށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ބައެއް ކަމަށާއި ރައީސް ޑރ. ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ފުލުހުނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުހިމެނޭ ކަމަށާއި އެހެން ކަމުން ރައީސް ޖުމްހޫރިއްޔާ އަށް ޝުކުރު ދަންނަވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ރިޔާޒް ވިދާޅުވީ އެ ސުކީމުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ފުލުހަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށާއި އެގޮތުން އެ ސުކީމަށް ނަން ހުށައަޅާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ މާކްސް ލިބޭ 300 ފަރާތަކަށް ހުޅުމާލޭގައި ފުލުހުނަށް އަޅާ ފުލެޓް ދޫކުރުމަށް ނިންމާފައިވާނެ ކަމަށެވެ. ނަމަވެސް އެ ފުލެޓްތައް ދޫކުރާ ޕުރޮސީޖައެއް ވިދާޅެއް ނުވެ އެވެ.

"ފުލުހުންގެ ހިދުމަތުގައި އުޅޭ މީހުން، އެމީހުން މަސައްކަތް ކުރަމުން މިދަނީ އެމީހުންގެ ލައިފް ރިސްކް ކޮށްގެން ވަރަށް ގިނަ ވަގުތުތަކެއް ހޭދަކޮށްގެންދޭ ހިދުމަތެއް މިއީ. މި ހިދުމަތުން ނިކުމެގެން ދާއިރު އެޓްލީސް[އެންމެ ކުޑަމިނުން] ކޮލެޓީ ލައިފެއް އުޅެވެންޖެހޭނެ ކަމަށް. އެގޮތުން އެ ވިސްނުމުގައި މިސުކީމުގެ ތެރެއިން ހިދުމަތުން ނިމިގެންދާ އިރު އަމިއްލައަށް ފުލެޓެއް އޯން [އަމިއްލަ] ކުރެވޭނެ ނިޒާމެއް އަޅުގަނޑުމެން މިކަނޑައަޅަނީ،" ރިޔާޒް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ވަރަށް އަވަސް މުސްތަގުބަލެއްގައި އެ ފްލެޓްތައް ދިނުމުގެ އަމަލީ މަސައްކަތް ކުރަން ފަށާނެ ކަމަށެވެ.

ފުލުހުނަށް ފުލެޓް ދޫކުރަން ނިންމާފައިވާ އިރު ސަރުކާރުން ވަނީ ސިފައިނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލެ އިން ސިފައިންނަށް 50 ފްލެޓް ދޫކުރާ ގޮތަށް ހަމަޖައްސަވައިފި އެވެ.