21 Apr 2026, 23:23
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރެއްވުމަށާއި، އެ ޕާޓީގެ ފަރާތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވެރިކަމަށް ގެނައުމަށް ނަޝީދު ތާއީދުކުރެއްވި ކުރެއްވުމަށް، އައްޑޫގެ މޭޔަރު ޢަލީ ނިޒާރު ވެސް ތާއީދުކުރައްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނެކަން ނަޝީދު ހާމަކުރައްވައި، ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާނެކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހެވެ.
އެ ނިންމުމަށް ތާއީދުކުރައްވައި ނިޒާރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ކުރިމަތިލައްވައި، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ އެމްޑީޕީން ކުރަމުންދާ ސިޔާސީ މަސައްކަތަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.
ހަމައެއާއެކު ފައްޔާޒަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދައިދިނުމަށް ތާއީދުކުރައްވާކަން ނަޝީދު ހާމަކުރެއްވުމަކީ "އަގުހުރި" ނިންމުމެއްގެ ގޮތުގައި، ނިޒާރު ވަނީ ސިފަކުރައްވައިފައެވެ. އަދި ފައްޔާޒަކީ ރާއްޖެއަށް ސިޔާސީ ބޮޑެތި އިސްލާހު ގެންނަންޖެހޭ ދަނޑިވަޅުގައި އެކަން ކުރެވޭނެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށް ވެސް، ނިޒާރު ލިޔުއްވައިފައިވެއެވެ.
"ރާއްޖެ ހެޔޮވެރިކަމުގެ މިސްރާބަށް ކުރާ ދަތުރުގައި ގޮންޖެހުންތަށް އެބަހުރި. ޚާއްސަކޮށް އެމްޑީޕީއާ އިދިކީލަ ސިޔާސީ ފިކުރުތަކަކީ ޚުދުމުޚްތާރު ވިސްނުންތަކެއް ކަމުން، އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް އާ މިސްރާބަކަށް ދަތުރު ފަށަން ޖެހޭ،" އޭނާގެ ޕޯސްޓުގައި ވެއެވެ.
މީގެ ކުރިން ސިޔާސީ ގޮތުން ބަހުގެ ހަމަލާތައް އެކަކު އަނެކަކަށް ރައްދުކުރެއްވި ފައްޔާޒާއި ނަޝީދު، އެކުގައި މަސައްކަތްކުރައްވާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
ދެ ބޭފުޅުން އެކުގައި "ބޮޑު ބަދަލު"ގެ ނަމުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ، ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ.
އަދި، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާ ގުޅޭ ގޮތުން ވެސް ގިނަ ބަދަލުތަކެއް ވަނީ ހުށަހަޅައިފައެވެ.
"މި ބޮޑު ބަދަލު ގެނައުމަށްޓަކައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒް އިސްމާޢީލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ނަޝީދު އިއުލާނުކުރެއްވިއެވެ.
"އަދި، އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތްކުރާނީ ފުރަތަމަ ކަމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެއްބަސްވުމާއި އެ މީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުން. އެހެންވީމާ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،"
އެ މަނިކުފާނު ވިދާޅުވީ، އެފަދައިން އަމަލުކުރައްވަނީ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ކޮންމެހެން ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެންނާށެވެ.
މިއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް މޭޒު ދޮށަށް ވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި، އެކުގައި މަޝްވަރާކޮށްގެން މިހާރުން މިހާރަށް މި ބަދަލުތައް ގެންނަން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ނަމަވެސް، އެކަމަކީ އެމަނިކުފާނާ ރައްޔިތުން ހަވާލުކުރި ޒިންމާއެއްނޫން ކަމަށް ވިދާޅުވެ، ނަޝީދުގެ ހުށަހެޅުއްވުމަށް ރައީސް ވަނީ ދެކޮޅު ހައްދަވައިފައެވެ.