އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ފަހުން ދެ މައްސަލައެއްގައި އިއްވި 23 އަހަރުގެ ހުކުމް އިސްތިއުނާފުކޮށްފިއެވެ.

ނުވަ އަހަރުގެ ހުކުމެއްގައި ހުއްޓައި، ބައްސާމް، 23 އަހަރަށް ޖަލަށްލާން ހުކުމްކުރީ، ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުން ކަނޑައަޅާފައިވާ ގޮތުގައި ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު 1.2 މިލިއަން ޑޮލަރުގެ ފައިސާ، ބައްސާމް ބޭނުން ކޮށްފައި ވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައި ވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމިން އެވެނިއުއަށް ޖަމާކޮށްގެންނެވެ.

ބައްސާމްގެ މައްޗަށް ޖުމްލަ 23 އަހަރުގެ ހުކުމް އައީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރުގެ ހުކުމަކާއި، ޚިޔާނާތުގެ ކުށަށް އަށް އަހަރު އައުމުންނެވެ. މި ދެ މައްސަލަ ބައްސާމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަތައް ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

މި މައްސަލަ ދަށު ކޯޓުގައި ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވި ގޮތުގައި އެއް މިލިއަން ޑޮލަރު މާރުކުރަން ކަމަށް ބުނެ އެފްއޭއެމްއިން އެ ފައިސާ ވަނީ ނެރެފައެވެ. އަދި ޗެކެއް މެދުވެރިކޮށް އެ ފައިސާ އަނބުރާ މާރުކުރުމަށްފަހު އެފްއޭއެމްއަށް ވެއްދި ނަމަވެސް އެއީ ސައްހަ ޗެކެއް ނޫން ކަމަށާއި، އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން ވެސް އެނގެން ނެތް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ގާޒީ ނިންމަވާފައި ވަނީ، ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް އެ ފައިސާއަށް ބައްސާމް ޚިޔާނާތްތެރިވިކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ބައްސާމް މިހާރު ވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމެއްގެ އިތުރުން ފަހުން އިއްވި 23 އަހަރުގެ ހުކުމާއެކު ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއްގައެވެ.