13 Sep 2012, 13:18
ޓެރަރިޒަމާ ދެކޮޅަށް ފުލުހުންގެ އިސްވެރިންނަށް ހިންގި ޕޮލިސް ލީޑާސް ރޯލް އިން ކޮމްބެޓިން ޓެރަރިޒަމް (އެފްބީއައި) ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓްދީފި އެވެ.
މިއަދު ހެނދުނު ޝަހީދު ހުސެއިން އާދަމް ބިލިޑިންގައި އޮތް ރަސްމިއްޔާތެއްގައި އެފްބީއައި ކޯސް ނިންމި 25 އޮފިސަރުންނަށް ވަނީ ސެޓްފިކެޓްދީފަ އެވެ. އެމެރިކާގެ އޮފިސަރުން ކިޔަވައިދެއްވި އެ ކޯހުގައި ޕޮލިސް އެސިސްޓަންޓް ކޮމިޝަނަރުންނާއި ޗީފް އިންސްޕެކްޓަރުންނާއި ސަބް އިންސްޕެކްޓަރުން ބައިވެރިވެފައިވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ހޯމް މިނިސްޓަރު ވިދާޅުވީ އެމެރިކާ ސަރުކާރުގެ އެހީތެރިކަން މެދުނުކެނޑި އެފަދަ ކޯސްތައް ހިންގުމަށް ލިބެމުންދާ ކަމަށެވެ.
އަދި ރާވައިގެން ހިންގާ ކުށްތަކާއި ޓެރަރިޒަމްއަކީ މި އަހަރު ފުލުހުންގެ އޮޕަރޭޝަން ޕްރިޔޮރިޓީޒްގެ ތެރޭ ހިމެނޭ ކަމެއް ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ހޯމް މިނިސްޓަރު ވަނީ 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ ސަލްޓަންޕާކްގައި ގޮއްވާލި ބޮމުގެ ހާދިސާގެ މައްޗަށް ބައްލަވާލައްވައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އެ އަމަލު ހިންގި ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓާ ވިދާޅުވި އެވެ.
މިނިސްޓަރު ޖަމީލް ވިދާޅުވީ ޓެރަރިޒަމްގެ އެފަދަ ކޮންމެ އަމަލަކުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށެވެ. ޚާއްސަ ޓޫރިޒަމަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށާއި ޓޫރިސްޓުންނާއި ބޭރުފަރާތްތައް ރާއްޖެއާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން ފުލުހުންގެ މުއައްސަސާއަކީ މިނިވަން މުއައްސަސާއެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ފުލުހުން ބޭނުންކުރީ ސިޔާސީގޮތުން ކަމަށެވެ. އަދި ވެރިކަން ބަދަލުވެ ހިނގި ކަންތަކަށް ފަހު، ފެބުރުއަރީ އަށެއްގައި ހިންގި ހުޅުޖެހުމުގެ ހާދިސާގައި ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލާނެ ކަމަށް ވިދާޅުވި އެވެ. އަދި ފެބްރުއަރީ ހަތެއްގައި ހިނގި ކަންތައްތަކުގައި ބައެއް ފުލުހުން ގާނޫނާއި ހިލާފުވި ކަމަށާއި އެކަންތައްތައް މިނިވަން މުއައްސަސާތަކުން ބަލަމުންދާނެ ކަމަށް ވިދާޅުވި އެވެ.
އަދި އެކަމުގައި މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމުވެގެންނުވާނެ ކަމަށާއި އެ ދުވަހު ފުލުހުން ކުރީ ކުށެއް ނޫންކަން އެކަމާ ގުޅިގެން ނެރުނު ރިޕޯޓްތަކުން އެގެން ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަބުުދުﷲ ރިޔާޒުގެ އިތުރުން ފުލުހުންގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.