ނިމުނު ހަފުތާގައި މާލެއާއި ބްރިޖު ހައިވޭގައި 50 އެކްސިޑެންޓު ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މިދިޔަ އާދިއްތައިން ހޮނިހިރު ދުވަހުގެ ނިޔަލަށް، މާލެއާއި ބްރިޖާއި ހައިވޭގައި ހިނގި 50 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލޭގައި ކަމަށާއި މާލޭގައި ޖުމްލަ 36 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ ދުވަހު 12 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާއިރު ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓްތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ ސައިކަލުތައް ހިމެނޭ އެކްސިޑެންޓުތައް ކަމަށާއި ދެ ސައިކަލު ޖެހިގެން 19 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލަކާއި ކާރެއް ޖެހިގެން 13 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ހާދިސާތަކުގައި 49 މީހަކަށް ކުދި އަނިޔާ ލިބިފައިވާއިރު، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާކަމަށެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 3,650 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެގޮތުން 988 އެކްސިޑެންޓު މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

ފުލުހުން ވަނީ އުޅަނދުތައް ދުއްވާ މީހުންނާއި ހިނގަބިނގާވެ އުޅޭ މީހުން ވެސް، މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބައި، ފަރުވާތެރިކަމާއެކު އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކަކު އަނެކަކަށް އަޅާލައި، ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު ދަތުރުފަތުރުކުރުމަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.