ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ޓަކައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުނު މިންވަރު ބެލުމަށް "ވައުދުގެ ދަތުރު"ގެ ނަމުގައި އަންނަ މަހު 03 ގައި ރާއްޖޭގެ ދެކުނަށް ދަތުރެއް ފެށުމަށް އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ބުނީ ރައީސް ނަޝީދާ އެކު އެ ޕާޓީގެ އިސް ބޭފުޅުންގެ ބައިވެރިވެވަޑައިގެންނަވާ މިދަތުރަކީ ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްގީއަށް ޓަކައި އެމްޑީޕީން އެކުލަވާލި ތަރައްގީގެ ތަސައްވުރުތަކާއި ރައްޔިތުންނަށް ވީވައުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކުރާ ދަތުރެއް ކަމަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމްޑީޕީގެ އެ ދަތުރުގައި ޒިޔާރަތް ކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ ފަސް ވައުދު ފުއްދުނު މިންވަރު ބެލުމަށް އެ ޕާޓީން ކުރުމަށް ހަމަޖައްސައިފައިވާ މިދަތުރުގެ ކަންތައްތައް ކުރިއަށްދާނީ ތަފާތު ރެލީތަކާއި ހާއްސަ ޖަލްސާތަކާއި މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާއީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާއީ އީދެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުންޏެވެ.

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި ނަޝީދު ވަނީ ރައްޔިތުންނަށް ފަސް ވައުދެއް ވެވަޑައިގެންފަ އެވެ.