13 Sep 2012, 12:55
ލީބިޔާގެ އުތުރުގައިވާ ބެންގާޒީގައި އެ ގައުމުގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީއާ ދެކޮޅު ހަނގުރާމަ އިއުލާންވެގެން ދިޔަ އިރު އެ ރަށަށް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި އެެމެރިކާގެ އެންމެ އިސް ޑިޕްލޮމޭޓަކީ އިއްޔެ އަވަހާރަކޮށްލި، އެމެރިކާ އިން ލީބިއާޔަށް ކަނޑައަޅާފައި ހުންނެވި އެމްބެސެޑަ ކްރިސްޓޮފާ ސްޓީވެންސް އެވެ.
އޭގެ ފަހުން ހަނގުރާމަ ފުޅާވެ، ނޭޓޯގެ ހަމަލާތައް ލީބިޔާއަށް އަމާޒުވި އިރު ވެސް ސްޓީވެންސް ހުންނެވީ ބެންގާޒީގަ އެވެ. އެހެންވެ، ގައްޒާފީއާ ދެކޮޅަށް އޭރު ނުކުތް ގިނަ މީހުންގެ އިހުތިރާމް ލިބިފައިވާ ބޭފުޅަކަށް އޭނާ ވެވަޑައިގެންނެވި އެވެ.
ނަމަވެސް އެމެރިކާގެ ޔަހޫދީއަކު ހަރަދުކޮށްގެން މުސްލިމުން ރުޅިއެރުވުމަށް މާތް ރަސޫލާ މުޙައްމަދު ޞައްްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށްގެން އުފެއްދި ފިލްމުގެ މައުލޫމާތު ލިބި ބެންގާޒީގެ ގިނަ ބަޔަކު ރުޅި އައިސް އެ ރަށުގައި ހުރި ކޮންސިއުލޭޓް ކުރިމަތީ ކުރި މުޒާހަރާ ހުއްޓުނީ ސްޓީވެންސް އަވަހާރަވެގެންނެވެ.
ލީބިޔާ ސަރުކާރުން ވެސް އަދި އެމެރިކާ ސަރުކާރުން ވެސް މިހާރު ތުހުމަތު ކުރަނީ ސްޓީވެންސް އަވަހާރަކޮށްލި ހަމަލާތަކަކީ މުޒާހަރާގެ ތެރެއިން ކުއްލިއަކަށް އުފެދުނު ހަމަލާއެއް ނޫން ކަމަށާ އެއީ ބަޔަކު ކުރިން ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.
ބެންގާޒީގައި ހުރި އެމެރިކާގެ ކޮންސިއުލޭޓަށް ދިން ހަމަލާއަކީ ކުރިން ރާވާފައިވާ ހަމަލާއެއް ކަމަށް ޝައްކުކުރެވޭ އެތައް ކަމެއް އެބަ ހުއްޓެވެ. އެގޮތުން އެހަމަލާ ފެށުމާ އެކު ކޮންސިއުލޭޓްގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންނާއި އެހެނިހެން މުވައްޒަފުން ސަލާމަތް ކުރުމަށް ފޮނުވި ލީބިއާ އާއި އެމެރިކާގެ ސިފައިންނަށް ކުރިމަތިވި ކަންތައްްތައް ފާހަގަ ކުރެވެ އެވެ.
ކޮންސިއުލޭޓްގައި ތިބި އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރުމަށް ދިޔަ އެމެރިކާ ސިފައިންނާ ހަވާލުވެގެން ބެންގާޒީ އަށް ދިޔަ ލީބިޔާގެ ކޮމާންޑަރު ކެޕްޓަން ފާތިހު އަލް އުބައިދީ ރޮއިޓާސް އަށް ކިޔައިދީފައިވާ ގޮތުގައި ކޮންސިއުލޭޓަށް ދިއުމާ އެކު ރެސްކިއު މިޝަން އަށް ވަރަށް އެކިއުރޭޓް (ސީދާ) ހަމަލާތަކެއް އަމާޒުވި އެވެ.
"އަހަރެން ހަމަ ހަގީގަތުގައި ވެސް ގަބޫލުކުރަނީ އެހަމަލާ އަކީ ރާވާފައިވާ ހަމަލާއެއް ކަމަށް،" އުބައިދީ ބުނި ކަމަށް ރޮއިޓާސްގެ ލިއުމުގައިވެ އެވެ. ލީބިޔާގެ އެހެން ބައެއް އޮފިޝަލުން ވެސް ވިދާޅުވެފައިވާ ފަދައިން އެމެރިކާ ސިފައިންނަށް އެވަގުތު ހަމަލާދިން މީހުންނަކީ ހަނގުރާމައިގެ ތަޖުރިބާ ވަރަށް ރަނގަޅަށް ހުރި ބައެއް ކަމަށް އޭނާ އުބައިދީ ގަބޫލުކުރެއެވެ.
"މޯޓަރު ބަޑީގެ ހަމަލާތައް އަހަރެމެންނަށް އެރި ސީދާ ކަމަކީ އާދައިގެ އިންގިލާބީ ހަނގުރާމަވެރިންްނަށް އެފަދަ ކަމެއް ކުރެވޭނެ ވަރަށް ވުރެ މާ މޮޅަށް ކުރި ކަމެއް،" އުބައިދީ ބުނެފައިވެ އެވެ.
ލީބިޔާގެ ބައެއް އެހެން އޮފިޝަލުން ތުހުމަތުކުރަނީ އެހަމަލާތަކަކީ އަދިވެސް އެގައުމުގެ ކުރީގެ ލީޑަރު ގައްޒާފީ އަށް ވަފާތެރިވާ އެގައުމުގެ ކުރީގެ ސިފައިން ބައިވެރިވެގެން ދިން ހަމަލާތަކެކެވެ. ނުވަތަ އެއީ އަފްޣާނިސްތާނުގައި ތަމްރީނުވެ، އަދި އެގައުުގައި ހަނގުރާމަ ވެސް ކޮށްފައިވާ އިސްލާމީ ހަނގުރާމަވެރިން ދިން ހަމަލާތަކެކެވެ.
ސްޓީވެންސް އަވަހާރަކޮށްލީ ކޮންމެ ބަޔަކު ކަމަށް ވިޔަސް ބެންގާޒީގެ އާމުންނާއި ލީބިޔާ ސަރުކާރުން ވެސް އެކަން ވަނީ ކުށްވެރިކޮށްފަ އެވެ. އެކަމާ ދެކޮޅަށް ބެންގާޒީގައި މިއަދު މުޒާހަރާ ވެސް ކުރި އެވެ.
ނަމަވެސް އެމެރިކާއިން މިހާރު އެގައުމުގައި ފަށަން ތައްޔާރުވަނުންދާ އޮޮޕަރޭޝަނަކީ ބެންގާޒީގެ އެތައް އާއްމުންނެެއްގެ ފުރާނަ ގެއްލިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.
އެމްބެސެޑަރު އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލުހިފާނެ ކަމަށް ބުނެ އެމެރިކާގެ ހަނގުރާމަމަތީ މަވަރުތައް ވަނީ ލީބިޔާގެ ބަނދަރަށް ގޮސްފައެވެ. ހަމަލާދިން މީހުން ހޯދުމުގެ ނަމުގައި ޑްރޯން (މީހުންނާ ނުލާ އުދުހޭ މަތިންދާ ބޯޓް)ތައް އުދުއްސުމަށް އެމެރިކާ ސިފައިން ދަނީ ތައްޔާރުވަމުންނެވެ.
ސީއެންއެން ބުނީ ހަމަލާއާ ގުޅުން ހުރި ޖިހާދީންގެ މައުލޫމާތު ހޯދާ އެއްކޮށް، ލީބިޔާގެ އޮފިޝަލުންނަށް ދިނުމަށް އެމެރިކާގެ ސަވައިލެންސް ޑްރޯންތައް ބޭނުންކުރާނެ ކަމަށް އެމެރިކާގެ އޮފިޝަލަކު ބުނި ކަމަށެވެ. އަދި އެމައުލޫމާތު ބޭނުކޮށްގެން ހަމަލާ ދޭނީ ލީބިޔާ ސިފައިން ކަމަށެވެ.
ނަމަވެސް ލީބިޔާގެ ބަނދަރަށް މިހާރު ގޮސްފައިވާ އެމެރިކާގެ ދެ މަނަަވަރު ކަމަށްވާ ޔޫއެސްއެސް ލަބޫން އާއި ޔޫއެސްއެސް މެކްފައުލްގައި ސެޓެލައިޓް މެދުވެރިކޮށް އަމާޒުހޯދައިގެން ހަމަލާދޭ ގޮތަށް ޕްރޮގްރާމްކޮށްފައިވާ ޓޮމަހޯކް މިސައިލްތައް ހަރުކޮށްފައިވާ ކަން ވެސް އެމެރިކާގެ އޮފިޝަލުން ކަށަވަރުކޮށްދެއެވެ.
އެމްބެސެޑަރުގެ ބަދަލު ހިފުމަށް މިހާރު ލީބިޔާ އަށް ގޮސް ތިބި އެމެރިކާ ސިފައިން ދޭނީ ކިހާވަރެއްގެ ހަމަލާތަކެއް ކަމެެއް އަދި އެކަން ދެމިގެންދާނީ ކިހާ ދުވަހަކަށް ކަން ނޭނގޭ އިރު އެމްބެސެޑަރު އަވަހާރަކޮށްލި ހާދިސާ ދުނުޔޭގެ މުސްލިމް ގައުމުތަކުގެ ލީޑަރުން ގެންދަވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުންނެވެ.