04 Sep 2010, 09:27
ހައުސިން ޑެވޮލަޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން ހަތަރު ގެރި ނީލަމުގައި ވިއްކާލުމަށް ގެޒެޓްގައި އިއުލާންކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ޗާޕްކޮށްގެން ހަފުތާއަކު ދެ ފަހަރު ނެރޭ، ގެޒެޓްގެ، ބުރާސްފަތި ދުވަހުގެ އަދަދުގައިވާ އެޗުޑީސީގެ އިއުލާނެއްގައި ބުނެފައި ވަނީ އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ ފިރިހެން ގެރިއަކާއި އަންހެން ތިން ގެރި ނީލަމުގައި ވިއްކާލަން ބޭނުންވާ ކަމަށެވެ. އަދި ބުނެފައި ވަނީ ކޮންމެ ގެރިއަކަށް ވަކިވަކިން އަގުކިއުމެއް ނޯންނާނެ ކަމަށާއި ނީލަން ކިއުމަށް ހަމަޖެހިފައި ވަނީ ހަތަރު ގެރިއެއްކޮށް ކަމަށެވެ.
ނީލަމުން ގެރިތައް ކާމިޔާބު ކުރާ ފަރާތުން ހަތް ދުވަހުގެ ތެރޭގައި ގެރިތައް ގެންދަންވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
"ނީލަން ކާމިޔާބު ކުރެއްވި ފަރާތަކަށް މި ތަކެތި ބަނދަރާ ހަމައަށް ގެންގޮސް ދިނުމުގެ މަސައްކަތުގައި މި ކޯޕަރޭޝަން އެހީތެރިވެނެ." އެޗުޑީސީގެ އިއުލާންގައިވެ އެވެ.
ނީލަން ކިއުމަށް ހަމަޖެހިފައި ވަނީ، އެޗުޑީސީން ބުނި ގޮތުގައި، އަންގާރަ ދުވަހު ހެނދުނު 10 ޖަހާއިރު އެވެ.