ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް މަސައްކަތް ކުރާ ފަރުދުންނާއި ޖަމިއްޔާތަކަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހުޅުވާލައިފިއެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 31އަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ފާހަގަ ކުރާ ދުވަހެވެ.

މި ދުވަސް ރާއްޖޭގައި ވެސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުންދެއެވެ.

އެޗްޕީއޭއިން މިއަދު ކުރިއިއުލާނެއްގައިވަނީ، މި އަހަރު މި ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" ކަމަށެވެ.

އެ އިދާރާއިން ބުނީ މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައިވެސް "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް"ގެ ނަމުގައި ޢިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ މީހުންނާއި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި އެ މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދޭ އެވޯޑްތަކެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރާ، އަދި ވަކީން ޚާއްސަކޮށް އެ އަހަރެއްގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުން ހުރި މަސައްކަތްތައް ކޮށްފައިވާ އަދި ކުރަމުންދާ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކަށް އެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެޗްޕީއޭއިން ބުނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު،އެވޯޑަށް އެދި މެއިލްކުރެވޭނެ ކަމަށެވެ.

އެ އިއުލާނާއެކު ވަނީ، އެވޯޑަށް އެދި ހުށަހަޅާނެ އެޕްލިކޭޝަން ފޯމާއި، ދޭން ނިންމާފައިވާ އެވޯޑުތަކާއި އެވޯޑުތައް ދިނުމުގައި ބަލާނެ ޝަރުތުތައް ހިމެނޭ ކަރުދާސް އާންމުކޮށްފައެވެ. އެގޮތުން ދޭނެ އެވޯޑުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްކޮށްފައިވާ ފަރުދަކަށް ދޭ އެވޯޑާއި، އެންޖީއޯއަކަށް ދޭ އެވޯޑާއި ޒުވާނުންނަށް ޚާއްސަކޮށްފައިވާ އެވޯޑެއް ވެސް ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ވޭޕް މަނާކުރުމާއި 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުން ހިމެނެއެވެ.