ސިޔާސީ ޕާޓީތަކުން މާލޭގައި ރޭގަނޑު ބާއްވަމުންދާ އެއްވުންތަކުގައި ހަމަނުޖެހުމަށް ހިތްވަރުދޭކަމަށް ބުނެ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލޭގައި އިދިކޮޅު ދެ ޕާޓީއަކުން ރޭގަނޑު ސިލްސިލާ އެއްވުންތައް ބާއްވަމުންދެއެވެ. އެއީ ޕީއެންއެފްއާއި އެމްޑީޕީއެވެ. އޭގެ ތެރެއިން އެމްޑީޕީގެ އެއްވުމެއްގައި ހޮނިހިރު ދުވަހުގެ ރޭ ބަޔަކު ހައްޔަރުވެސް ކޮށްފައިވެއެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ވަނީ، ބައެއް ސިޔާސީ ޕާޓީތަކުން، ރޭގަނޑުގެ ވަގުތުގައި ސިލްސިލާ ގޮތެއްގައި މާލޭ ސިޓީގައި ބާއްވަމުން ގެންދާ އެއްވުންތަކުގައި ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، އެ ވާހަކަތައް މީޑިޔާގެ ޒަރީޢާއިން ޢާންމުވެ، އެކަމުގެ ސަބަބުން، އާންމުންގެ މެދުގައި ނަފުރަތު އުފައްދާކަމަށެވެ.

އެޗްއާރްސީއެމްއިން ވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން، އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްގެއް ކަމަށެވެ.

އެހެންކަމުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް ފުޅާކޮށް ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ޙައްގެއްކަމުގައި ވީނަމަވެސް، އެ ޙައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަނެކާގެ ޙައްގުތަކަށް އިޙްތިރާމް ކުޑަނުވާނެގޮތަށް ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެެވެ.

އެޗްއާރުސީއެމުން ވަނީ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި، މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ފާޅުކުރާ ޚިޔާލުތަކުގައި ވެސް، މީހުންގެ މެދުގައި ނަފްރަތު ނުއުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނަގާނުލުމަށް އެދިފައެވެ. އަދި، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަކީ، ގާނޫނުއަސާސީއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ރޫޙާ ޚިލާފު އަމަލުތަކެއްކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

އެފަދަ ޢަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ގޮވާލައި ކުރެވޭ ޚިޔާލުފާޅުކުރުންތަކަކީ، އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއްކަން ބަޔާނުން ވަނީ ފާހަގަކޮށްފައެވެ.

އެފަދަ ޢަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސް ފަރާތްތަކުން އެފަދަ ޢަމަލުތައް ނުކުރުމަށް އެޗްއާރުސީއެމުން ގޮވާލިއެވެ. އަދި، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން އެ ކަންކަމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ގާނޫނީ އިމުގެ ތެރެއިން އެޅުމަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޚިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ އަދި ނަފްރަތު އުފެދޭފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި އާންމު މަސްލަހަތު އިސްކޮށް، އެފަދަ ކަންކަން ނުހިނގާނެގޮތަށް ހަރަކާތްތައް ރޭއްވުމަށް އިސްކަންދިނުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު، ހަމަޖެހިފައިވާ ގަވާއިދުތަކުގެ އަލީގައި ކުރިޔަށް ގެންދެވޭ ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ވެސް ސިޔާސީ ޕާޓީތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

އެ ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތައް ސުލްހަވެރިކަމާއެކު، ކަނޑައެޅިފައިވާ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށް އިލްތިމާސްކޮށްފައެވެ.

އެމްޑީޕީއާއި ޕީއެންއެފުން ވެސް އެއްވުންތައް ބާއްވަން ފެށީ، ނިމިދިޔަ ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތްކަން ހާމަވެފައިވާ ކަމަށް ބުނެއެވެ.