13 Sep 2012, 12:41
ގާނޫނުގައި ބުނާ މިންވަރަށް ހެކި ނެތަސް ގަރީނާތަކުގެ މައްޗަށް ބަލައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ޝަރީއަތަށް ސާބިތު ކުރެވިދާނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާ މިންވަރަށް ހެކި ލިބިފައި ނެތް ނަމަވެސް މައްސަލައަކާ ގުޅިގެން ހުށަހެޅޭ އިތުރު ގަރީނާތަކުގެ މައްޗަށް ބަލައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތު ކުރެވިދާނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ ބ. ފެހެންދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމެއް އިސްތިއުނާފު ކުރި މައްސަލައެއް ބެލުމަށް ފަހު އިއްޔެ އެވެ.
ފެހެންދޫ، ބުލޫހައުސް އަލީ އަބްދުއްރަހުމާން ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަން ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 10 އަހަރަށް ޖަލަށް ލުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބެލި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ގާނޫނުގައި ބުނާ މިންވަރަށް ހެކި ނެތަސް ހުށަހެޅޭ އިތުރު ގަރީނާތަކުގެ މައްޗަށް ބަލައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތު ކުރެވިދާނެ ކަމަށް ކަނޑައަޅައިފަ އެވެ.