20 Apr 2026, 18:23
ކުދިންނަށް ބައިވެރިވެވޭ މުބާރާތްތަކުގެ އަދަދު ހިމެނޭހެން، ސްކޫލުތަކުގެ ކުޅިވަރު މުބާރާތްތައް ވަކި ގޮތަކަށް ބާއްވަން ބޭނުންވާކަމަށް މިނިސްޓާ އޮފް ޔޫތް އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްނެސް އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއްވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދާދި ފަހުން އެޑިއުކޭޝަން މިނިސްޓަރީއާއި ހުރިހާ ނެޝެނަލް އެސޯސިއޭޝަންތަކާ ބައްދަލުކޮށްފައިވާނެ ކަމަށެވެ. އަދި އެސޯސިއޭޝަންތަކުގެ މެދުގައި ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީއާއި އެޑިއުކޭޝަން މިނިސްޓްރީގެ ކޮމެޓީއަކާއެކު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ބައްދަލުވުންތަކުގައި ސްކޫލްތަކުގެ ސްޕޯޓްސް ސިސްޓަމް މިއަހަރު ތެރޭގައި ކުރިއަށްގެންދާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރެވުނުއިރު މި އަހަރަކީ އެހެން އަހަރުތަކާއި ތަފާތު އަހަރެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިއަހަރު މިއޮތް އެކަޑަމިކް ދުވަސްތައް ވީހާވެސް ދިގުކުރެވޭނެ ގޮތަށް އެހެންނަމަވެސް، ކުޅިވަރު ކުޅޭނޭ ގޮތަކީ ކޮބައިކަމާއި، އަޅުގަނޑުމެންނަށް މުބާރާތްތައް ބޭއްވޭނީ ކިހިނެއްކަމާއި، މިކަންކަން އަޅުގަނޑުމެން ތެރޭގައި ޑިސްކަސް ކުރެވިގެންދިޔަ. މި މަޝްވަރާތައް މިހާރުވެސް މިދަނީ ކުރިއަށް،ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
ނަމަވެސް މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގެ މުބާރާތްތައް ނުބާއްވާ ގޮތަށް މަޝްވަރާކުރެވިފައި ނުވާކަމަށެވެ. އެއާޚިލާފަށް މުބާރާތް ބާއްވާނީ 'އިންޓަ ސްކޫލް'ގެ ނަމުގައިތޯ ނުވަތަ 'ރާއްޖެ ޖޫނިއާ'ގެ ނަމުގައިތޯ މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.
ރާފިއު ވަނީ ސާކިއުލާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާކުރަމުން ގެންދާކަމަށާއި އަދި މާދަން އެސޯސިއޭޝަންތަކާއެކު މިނިސްޓްރީއިން އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ ކުޅިވަރު މުބާރާތްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށްދާނެ ކަމަށާއި އެކަން ވަކި ގޮތަކަށް ނިންމަން ވެސް ބޭނުންވާ ކަމަށެވެ. އެގޮތުން ފެސްޓިވަލް ސްޓައިލަށް ކުޅެމުން ދާނީ ކޮން އުމުރުފުރައަކުން ފެށިގެންތޯ މަޝްވަރާ ކުރަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮން އޭޖް ގުރޫޕަކުންތޯ ފެސްޓިވަލް ސްޓައިލަށް ކުޅެމުންދާނީ، ކޮން އޭޖް ގުރޫޕަކުންތޯ އިންޓަ ސްކޫލް މުބާރާތްތައް ކޮމްޕެޓިޓިވް ލެވެލްއެއްގައި ކުޅެމުންދާނީ. މިއީ އަޅުގަނޑުމެން ޑިސްކަސް ކުރަން ބޭނުންވާ ކަމަކީ ވެސް. އަދި މީގެ ތެރޭގައި ކުދިންނަށް ކިތައް ކުޅިވަރުގައިތޯ ބައިވެރިވެވޭނީ،ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
މިނިސްޓަރު ވިދާޅުވީ މިކަމުގެ ބޭނުމަކީ ކުއްޖާ ކުޑައިރުއްސުރެ، އެކި ކުޅިވަރުތަކުގައި ބައިވެރިކުރުވުން ކަމަށެވެ.
ކުޑައިރު އެކި ކުޅިވަރުތަކުގައި ކުދިން ބައިވެރިކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވާދަވެރި ލެވެލްއެއްގައި ގެންދަން ބަލާއިރު ވަކި އުމުރުފުރައެއް ކަނޑައަޅަން ޖެހޭކަމަށެވެ.