13 Sep 2012, 12:35
ރާވައިގެން ކުރާ ބޮޑެތި ކުށްތަކާއި ޖަރީމާތައް މިހާރު ކޮންޓްރޯލްކޮށް އެ ކުއްތައް ވަރަށް ބޮޑަށް މަދުކުރެއްވިއްޖެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ގޭންގް ކުށްތަކާއި ވައްކަމާއި ފޭރުމާއި އަދި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއް މި ފާއިތުވި ހަ މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ މަސައްކަތުން ހުއްޓުވިފައިވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އެފަދަ ބޮޑެތި ކުށްތައް ކުރުން މަދުވެފައިވާ ކަމަށެވެ.
"މިކަން މިކުރެވުނީ އަޅުގަނޑުމެންގެ ޒުވާން ހީވާގި ފުލުހުންގެ މަސައްކަތުން، ފުލުހުން އެތައް ބޮޑެތި އޮޕަރޭޝަންތަކެއް ހިންގާ މަސްތުވާތަކެއްޗާއި މާރާމާރީގެ އެތައް މައްސަލައެއް ހުއްޓުވައިފި. އެ ކުދިންގެ]ފުލުހުންގެ[ ހީވާގި މިންނެއް މަސައްކަތުގެ ނަތީޖާ މިފެންނަނީ. އަޅުގަނޑު މުޅި ފޯސްއާ ދޭތެރޭ މިހުރީ ހިތްހަމަޖެހިފައި،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށްތައް ހުއްޓުވުމަށް ފުލުހުންގެ ގާނޫނުގެ ތެރެއިން ފުލުހުންނަށް ލިބޭ ބާރުތަކާ އެކު އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ފުލުހުންނަށް މަސައްކަތް ކުރުމުގެ ފުރިހަމަ މިނިވަންކަން މިހާރު ދީފައި އޮންނާނޭ ކަމަށާއި ފުލުހުންގެ ތެރޭގައި ތިބި އެންމެ އެކަށޭނަ އަދި ގާބިލު މީހުންނަށް މަސްއޫލިއްޔަތުތަކާއި ބާރުތައް ދީގެން މަސައްކަތް ރާވާފައިވާ ކަމަށެވެ.
"ފުލުހުންގެ މޮޓިވޭޝަން މިއީ ކުށްތައް މިހާބޮޑަށް ހުއްޓުވުމުގެ ވަރަށް ބޮޑު އަސްލެއް. އަޅުގަނޑުމެން މިވީ ދުވަސްތަކުގައި މަދު މީހަކު ނޫނީ ވަކި ނުކުރަން. ހަމަ މި މުއައްސަސާގައި ތިބި މީހުން ބޭނުންކޮށްގެން އަޅުގަނޑުމެން މަސައްކަތް މިކުރަނީ،" ރިޔާޒު ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާ އާ ހަވާލުވެވަޑައިގަތް އިރު ފުލުހުންގެ މުއައްސަސާ އޮތީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައި ކަމަށް ކޮމިޝަނާ ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް އޭރު އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވޭ ކަމަށާއި އެކަމާ ހުރެ މަސައްކަތް ކުރުމުގެ ރޫހު ވެސް ފުލުހުންގެ ތެރެއިން ގެއްލިފައިވާ ކަމަށެވެ. ރިޔާޒު ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަންތައް މިހާރު ކުރިއަށް ގެންދަނީ ބޮޑަތި ކުށްތަކަށް އަމާޒުކޮށްގެން ކަމަށާއި ފުލުހުންގެ އިންޓެލިޖެންސްގެ އެންމެ މައިގަނޑު އަމާޒަކީ ވެސް ބޮޑެތި ކުށްތައް ހުއްޓުވުމަށް މަސައްކަތް ކުރުން ކަމަށެވެ.
"އަޅުގަނޑުމެން ވަކި ލަނޑުދަޑިތަކަކަށް ވަކި ހާއްސަ ކުށްތައް ހުއްޓުވުމަށް މި މުއައްސަސާ މަސައްކަތް މި ކުރަނީ. ރައްޔިތުންނަށް މި މުއައްސަސާ މަސައްކަތް މި ކުރަނީ. އެގޮތަށް މި މުއައްސަސާގެ ލަނޑުދަޑިތައް ހުރި ހުރުން ކުދިންގެ އެފާޓުން ]އެ ދައުރުން[ ވެސް މި ފެންނަނީ. މިހާރު މި ޕޮލިސް ފޯސްއަކީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭންތަނެއްގެ ގޮތުގައި މި ވަނީ،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލު ބަލަހައްޓައި ޑީޕީއާރުއެސްގެ މަސައްކަތް ވެސް ހަރުދަނާ ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކުށްތައް މަދުކުރުމަށް ފުލުހުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއާ މެދު ރައްޔިތުންގެ ފުރިހަމަ އިތުބާރު އުފެއްދޭނެ ޔަގީންކަން އެބައޮތް ކަމަށާއި ކުށްތައް މަދުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ވެސް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ފުލުހުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އާންމުން ފަސްނުޖެހުމަށް ކޮމިޝަނާ އެދިވަޑައިގެންނެވި އެވެ.
"އަންނަން އޮތް ޖީލަށް އަމާން ގައުމެއް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ގެނެސްދެވޭނެ. އެކަމަށް ރައްޔިތުންގެ އެއްބާރުލެއްވުން ބޭނުން. އަޅުގަނޑަށް މިހާރު ވެސް ޔަގީން ރައްޔިތުން ވެސް މި މުއައްސަސާ އަށް މިހާރު ވެސް އިތުބާރުކުރައްވާނެ ކަން،" ރިޔާޒު ވިދާޅުވި އެވެ.