13 Sep 2012, 12:04
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރި މައްސަލައެއްގެ ތަހުގީގު ނިންމައި ހަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ލ. އިސްދޫ ރީތި، ހުސެއިން އިބްރާހީމް 22، އާއި ސ. ހުޅުދޫ، އުދަރެސް، ނިޝާމް 22، އާއި ހ. ރެދަން އަހުމަދު އިރުޝާދު 24، އާއި ސ. ހުޅުދޫ ޖަވާހިރުވާދީ، އަބްދުﷲ އަފްސަލް 39، އާއި ސ. ހިތަދޫ ދިރިމާގެ، އަލީ މުރުތަޟާ 40، ގެ އިތުރުން ސ. ހިތަދޫ ސްޓޯބަރީގޭ، އާސިމް އިބްރާހިމް 21، ގެ މައްޗަށެވެ.
ފުލުހުން ބުނީ މި މީހުންގެ ތެރެއިން ހުސައިން އިބްރާހީމް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި މަހު 8 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހުސެއިން އިބްރާހީމްގެ ހަރަކާތްތަކަށް ފުލުހުން ފާރަލަމުން ދަނިކޮށް އެ މީހުންގެ ތެރެއިން އިރުޝާދާއި ނިޝާމަށް އޭނާ މަސްތުވާތަކެތި ވިއްކާފައި ވާތީ އެދެ މީހުން ހައްޔަރު ކުރަން އުޅުނު ވަގުތު ނިޝާމް އެއްލާލި ސިޓީއުރައިގެ ތެރެއިން ބަރުދަނުގައި 24.4916 ގްރާމްހުރި ބްލެޓް ސައިޒުގެ 20 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އިރުޝާދާއި ނިޝާމަށް މަސްތުވާތަކެތި ވިއްކި ހުސެއިން އިބްރާހިމް ދިރިއުޅޭ އެޕާރޓްމަންޓް ބަލާފާސްކުރިއިރު އެތަނުން ފެނުނު ކޮތަޅެއްގެ ތެރޭގައި އޮތް ސިޓީ އުރައެއްގެ ތެރެއިން ބަރުދަނުގައި 25.6076 ގްރާމް ހުރި ބްލެޓް ސައިޒުގެ 21 ރަބަރު ޕެކެޓާއި ހަމަ އެކޮތަޅު ތެރޭގައި އޮތް ސިޓީ އުރައެއްގެ ތެރެއިން ބަރުދަނުގައި 24.6949 ގްރާމްހުރި ބްލެޓް ސައިޒުގެ 24 ރަބަރު ޕެކެޓާއި ރަބަރު ޕެކެޓް ބަންދުކުރާ މެޝިނެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ނިޝާމާއި ހުސެއިން އިބްރާހިމް ހައްޔަރުކޮށް އެ ދެ މީހުންގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އެ ދެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ނިޝާމްގެ ޖީބުން "މާލޭ ސްޓޭ ގެސްޓްހައުސް"ގެ ރޫމް ނަމްބަރު 3ގެ ތަޅުދަނޑި ފެނުމުން، ފުލުހުން އެ ގެސްޓްހައުސް އަށް ގޮސް އެ ކޮޓަރިއަށް ވަތްއިރު އެތާގައި އަފްސަލާއި މުރުތަޟާ އަދި އާސިމް ތިއްބާ ފެނިގެން އެ މީހުން ހައްޔަރުކޮށް އެމީހުންގެ ހަށިގަނޑު ބަލައި ފާސްކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަފްސަލްގެ އަތުގައި އޮތް ޓިޝޫއެއް ބިންމައްޗަށް ވައްޓާލުމުން އެ ޓިޝޫކޮޅު ނަގައި ފުލުހުން ބެލި އިރު އޭގެތެރެ އިން ބަރުދަނުގައި 1.2984 ގްރާމްހުރި ބްލެޓް ސައިޒުގެ އެއް ރަބަރު ޕެކެޓްފެނިފައިވާ ކަމަށެވެ. އަދި މުރުތަޟާ ވެސް ބިންމައްޗަށް ބޮނޑިކޮށްލާފައި އޮތް ޓިޝޫ އެއް ވައްޓާލުމުން އެ ޓިޝޫ ނަގައި ބެލި އިރު އޭގެތެރެއިން ބަރުދަނުގައި 0.1884 ގްރާމްހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ކޮޓަރި ތެރެއިން ހައްޔަރު ކުރި އާސިމްގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވިނަމަވެސް އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.