13 Sep 2012, 11:57
ގއ. ދާންދު އާއި ސ. ހިތަދޫން މަސްތުވަތަކެއްޗާ އެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ދާންދޫ ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 25 ޕެކެޓާ އެކު 35 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އެ އަތޮޅު ނިލަންދު އަށް ޑިންގީއެއްގައި ގޮސް އެނބުރި ދާންދޫ އަށް ދިޔަ ވަގުތު ކަމަށެވެ. ޑިންގީގައި ދާންދޫ ޖެޓީ އަށް ގާތްކުރި ވަގުތު ފުލުހުން ޑިންގީ އަށް އެރުމުން އޭނާ ވަނީ އެ ޑިންގީގެ ދިރުނބާކޮޅުގައި ހުރި ފަލުކާއެއްގެ ތެރެއަށް ވަދެ ފިލަން މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ. އަދި ފުލުހުން ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 25 ޕެކެޓް ފެނިފައި ވަނީ އޭނާ ފިލަން ވަދެ އޮތް ފަލުކާތެރެ އިން ކަމަށް ފުލުހުން ބުނެ އެވެ.
ނިލަންދޫގެ އިތުރުން، ސ. ހިތަދޫގައި މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތުކުރެވުނު މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު އެމީހާ ހައްޔަރުކޮށްފައި ވަނީ ހިތަދޫގެ ހޮޓަލެއްގެ ތެރޭ މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރި މީހަކު އިން ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެ އެވެ.