އެމެރިކާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ލޫއީޒިއާނާގައި، އާދީއްތަ ދުވަހު ހިނގި ގެވެށި އަނިޔާގެ ހާދިސާއެއްގައި ފިރިހެނަކު ބަޑި ޖަހައި އޭނާގެ ހަތް ކުދިން މަރާލައިފިއެވެ. ހަތް ކުދިންގެ އިތުުުން އިތުުރު ކުއްޖަކު ވެސް މަރާލާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޝްރެވްޕޯޓް ޕޮލިސް ޑިޕާޓްމަންޓުގެ ތަރުޖަމާނު ކްރިސް ބޯޑެލޮން ވިދާޅުވީ އާދިއްތަ ދުވަހު ހެނދުނު ދިން އެ ހަމަލާގައި މަރުވި ކުދިންގެ އުމުރަކީ 18 މަހާއި 12 އަހަރާއި ދެމެދެވެ.

ހާދިސާ ހިނގި ގޭގައި ނުވަ ކުޑަކުދިން ތިބި ކަމަށާއި ސަލާމަތްވި ކުއްޖާއަށް މިހާރު ދަނީ ހޮސްޕިޓަލްފައި ފަރުވާ ދެމުންކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ދެ އަންހެނަކަށް ވެސް ބަޑިން ހަމަލާ ދިނުމުން ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި، އޭގެ ތެރޭގައި މަރުވި ބައެއް ކުދިންގެ މަންމަ ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަޑިޖެހީ ޝަމާރު އެލްކިންސް ކިޔާ އުމުރުން 31 އަހަރުގެ މީހެއް ކަމަށެވެ. ކުޑަކުދިންތައް މަރާލުމަށް ފަހު އޭނާ ކާރެއް ފޭރިގެން ފިލަން ދުއްވަނިކޮށް ބަޑިޖަހައި މަރާލާފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ހަމަލާ ދިން ސަބަބާ ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ނަމަވެސް ބޯޑެލޮން ބުނީ އަދިވެސް ތަހުގީގު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ޑިޓެކްޓިވުންނަށް ޔަގީންވާ ގޮތުގައި ހަމަލާއަކީ ގެވެށި އަނިޔާއާ ގުޅުން ހުރި ކަމެއް ކަމަށެވެ.

އެލްކިންސްއަކީ ހަތިޔާރު ގެންގުޅުނު މައްސަލައެއްގައި 2019 ވަނަ އަހަރު ހައްޔަރުކޮށް، އެ ކުށަށް އިއުތިރާފުވެފައިވާ މީހެކެވެ. ނަމަވެސް، ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއްގެ ކުރީގެ ރެކޯޑެއް ނެތް ކަމަށް ފުލުުހުން ބުނެެއެވެ.

އެމެރިކާގައި މިއަހަރު ގާތްގަޑަކަށް 119 އަށްވުރެ ގިނަ ބަޑިޖެހުމުގެ ހާދިސާއެއް ލިސްޓްކޮށްފައިވާއިރު، އޭގެ ސަބަބުން 79 ކުޑަކުދިން ހިމެނޭ ގޮތަށް 117 މީހުން މަރުވެ، 458 މީހުން ޒަހަމްވެފައިވެއެވެ.