ސ. ހުޅުދޫ ގެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ އެވެ.

ފުލުހުން ބުނީ އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެގެ އަކީ މީހުން ދިރިއުޅޭ ގެއެއްނޫން ކަމަށެވެ.

މިއަދު ހެނދުނު 6:45 ހާއިރު ހިނގި ހާދިސާގައި އަނދާ ހުލިވެފައިވަނި ހޭޅި ނަމަކަށް ކިޔާ ގެއެއް ކަަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އެގޭގައި އަލިފާން ރޯވީ ކީއްވެ ކަމެއް އަދި ސާފުނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހޭޅި ގޭގައި އަލިފާން ރޯވެފައިވަނިކޮށް ފެނިފައި ވަނީ ރަށުތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ކަމަށެވެ. އަދި އެ މައުލޫމާތު އެމްއެންޑީއެފަށް ދިނުމަށް ފަހު އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރި ނަމަވެސް ފުލުހުންނަށް އެގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނު އިރު އެގެވަނީ ބޭނުން ނުކުރެވޭ އަނދާފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ދެ ކޮޓަރި ހިމެނޭ ގޮތަށް ހަދާފައިވާ އެގޭގައި އަލިފާން ރޯވާން ދިމާވި މައްސަލަ އައްޑޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ބަލަމުންނެވެ.