13 Sep 2012, 11:04
ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ، މައުލޫމާތު ރައްކާކުުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން މިއަދު ފަށައިފި އެވެ.
އެންސީއައިޓީ އިން ބުނީ މިއަދު ފެށި ޕްރޮގްރާމަކީ މައުލޫމާތު އެއްްކުރުމާއި ހިއްސާކުރުން އަދި ބޭނުންކުރުމުގައި ހުރި ނޭދެވޭ ކަންތައްތަކާއި މައުލޫމާތު ރައްކާތެރި ކުރުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން މުވައްޒަފުންނަށް އަންގައިދީ ހޭލުންތެރި ކުރުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ފެށި ޕްރޮގްރާމް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިޝްހާގު އަހުމަދެވެ.
ޕްރޮގްރާމް ފަށްޓަވައި ދެއްވުމުގެ ގޮތުން ސްޓޭޓް މިނިސްޓަރު އިޝްހާގު ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ މައުލޫމާތު ރައްކާތެރިކުރުމަކީ ހަމައެކަނި އޮފީސްތަކުގެ އައިޓީ ޑިޕާޓްމަންޓްތަކުގެ ޒިންމާއެއް ނޫން ކަމާއި އެއީ ހުރިހާ މުވައްޒަފުންގެ ޒިންމާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އިދާރާތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ސޯޝަލް އިންޖިނިއަރިން ( މީހުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދުން) ކަމަށެވެ.
"މައުލޫމާތުގެ ސިއްރުކަން ދެމެހެއްޓުމާ ސައްހަކަން ރައްކާތެރިކުރުމަކިީ އަޅުގަނޑުމެންގެ އަތްމަތީގައިވާ ކަމެއް، ސަރުކާރުގެ އިދާރާތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ސޯޝަލް އިންޖިނިއަރިން، އެއީ މީހުންނަށް އޮޅުވާލައިގެން އެމީހެއްގެ ނުވަތަ އެމީހަކު މަސައްކަތް ކުރާ އިދާރާއެއްގެ މައުލޫމާތު ހޯދުން،" އިޝްހާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސޯޝަލް މީޑީއާތައް ކަަމަށްވާ ފޭސްބުކް އާއި ޓްވިޓާ ފަދަ ވަސީލަތްތައް ރާއްޖޭގެ ގިނަ ބަޔަކު މިހާރު ބޭނުންކުރާ ކަމަށާއި އެފަދަ ވަސީލަތްތަކުގެ އެހީގައި ވަރަށް ފަސޭހަކަމާ އެކު މައުލޫމާތު ބަދަލުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ބައެއް އިދާރާތަކުގެ އިންފޮމޭޝަން ސެކިއުރިޓީގެ އެސެސްމެންޓެއް އެންސީއައިޓީން މިހާރުވެސް ހަދާފައިވާ ކަމަށެވެ.
އެންސީއައިޓީން ފެށި ޕްރޮގްރާމްގެ ބޭނުން ހެޔޮގޮތުގައި ކުުރުމަށް ސްޓޭޓް މިނިސްޓަރު ގޮވާލެއްވި އެވެ.
ދައުލަތުގެ އިދާރާތަކުގެ އިސްވެރިންނާއި އައިޓީ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފެށި ޕްރޮގްރާމަށް މިއަދު ހާޒިރުވީ މަދުފަރާތްތަކެކެވެ.
އެއިންސީއައިޓީން ބުނީ މިޕްރޮގްރާމް ސިލްސިލާގޮތެއްގައި ކުރިއަށް ގެންދިއުމަށް އެސެންޓަރުން ވަނީ ރާވާފައެވެ. އެގޮތުން ދައުލަތުގެ އެކިއިދާރާތަކުގެ އިތުރުން އާއްމު ފަރާތްތަކަށް ވެސް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ރާވާފއިވާ ކަމަށް އެސެންޓަރުން ބުންޏެވެ.