ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި، ނެރެދޭން އެދުނު ވަގުތީ ދެ އަމުރު ވެސް ނެރެނުދޭން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި، މައްސަލަ ހުށަހެޅި އަލީ ހުސައިންގެ ފަރާތުން ދެ ވަގުތީ އަމުރަކަށް އެދުނެވެ. އެއީ:

  • މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން އެއްވެސް މެންބަރަކު ވަކިކޮށްގެން ނުވާނެ ކަމުގެ އަމުރެއް.

  • ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތެއް ނިންމަންދެން ފަނޑިޔާރެއްގެ އެއްވެސް ސުލޫކީ މައްސަލައެއް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި، ފަނޑިޔާރުން ވަކިކުރުމުގެ އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރެއް.

"ސަން"އަށް މައުލޫމާތު ދެއްވަމުން އަލީ ހުސައިންގެ ވަކީލު ޝީނާ މުޙައްމަދު ވިދާޅުވީ ފުރަތަމަ މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދޭން ނިންމީ، އެ ކަމުގައި ގޮތެއް ނިންމައިފިނަމަ މި މައްސަލައިގެ މައުޟޫއާ މެދު ނިންމާ ނިންމުމަށް އަސަރުކޮށްފާނެތީ ކަމަށް ބުނެ ކަމަށެވެ.

ދެވަނަ މައްސަލައިގައި އަމުރު ނެރެނުދޭން ނިންމީ، އެއީ ފަނޑިޔާރުންގެ ޒާތީކަމެއްގައި އަމިއްލައަށް ގޮތް ނިންމަންޖެހޭތީކަމަށް ބުނެ ކަމަށް ވެސް ވަކީލް ޝީނާ ވިދާޅުވިއެވެ.

ނަމަވެސް މި ދެ މައްސަލައިގައި ވެސް ވަގުތީ އަމުރު ނެރެނުދޭން ނިންމި ސަބަބު ހާމަކުރިއިރު އެކަށީގެންވާ މިންވަރަށް ސުޕްރީމް ކޯޓުން ތަފްސީލް ދީފައިނުވާ ކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވައިފައެވެ.

އެންމެފަހުން މި މައްސަލައިގެ އަޑުއެހުމެއް އޮތީ މި މަހުގެ 14ވަނަ ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ މިއީ ގާނޫނުއަސާސީއާ ޚިލާފު އިސްލާހެއް ނޫން ކަމަށާއި، މިއީ މަޖިލީހަށް ލިބިގެންވާ ބާރުގެ ދަށުން ގެނައި އިސްލާހެއް ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ މިއީ ރައްޔިތުންގެ ބާރަށް އެޅޭ ހުރަހެއް ކަމަށެވެ. އެންމެ ފަހުން އޮތް އަޑުއެހުމުގައި އުއްތަމަފަނޑިޔާރު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ.