13 Sep 2012, 10:24
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުން "ބޮނަފެނެ" ނަމުގައި ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ މިނަރަލް ފެން މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބާޒާރަށް ނެރެވޭނެ ކަމަށް ކޫއްޑޫ ފިޝަރީޒް އިން ބުނެފި އެވެ.
ހުވަދު އަތޮޅު ބަހުރުވައިން ބޯފެނަށް ބޭނުންކުރާ "ބޮނަފެނެ" ނަމުގައި އުފައްދާ އެފެން އުފެއްދުމަށް މިހާރު އެ ކުންފުނީގެ ސިނާއީ މައި މަރުކަޒު ކޫއްޑުގައި އިމާރާތެއް ހަދައި އެތަނުގެ މަސައްކަތް ވަރަށް ބާރަށް ދަނީ ކުރެވުންނެވެ.
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ މާލެ އިން ހުވަދު އަތޮޅަށް ފެން ގެންދިއުމަކީ ދަތިކަމަކަށް ވެފައިވާ އިރު އެފެން ބާޒާރަށް ނެރުވުމުން އެ ހިސާބުގެ ރިސޯޓްތަކަށާއި އެހިސާބްގެ ރަށްރަށަށް ފަސޭހަކަމާ އެކު ފެން ފޯރުކޮށްދެއްވޭނެ ކަމަށާއި އެފެނަކީ ރާއްޖޭގައި މިހާރު އުފައްދާ މިނެރަލައިޒް ފެން ފަދަ ފެނެކަށް ވާނެ ކަމަށެވެ.
ކޫއްޑޫ އިން ފެނުގެ ބްރޭންޑެއް ނެރެން ތައްޔާރުވަމުން އަންނަ އިރު އެކުންފުނިން އަންނަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އަދި އެ ރަށުގައި މިދިޔަ އާދިއްތަ ދުވަހު ހުޅުވި އެއާޕޯޓްގެ ސަބަބުން އެ ރަށުން ތަކެތި ސަޕްލައި ކުރަންފަސޭހަވެގެންދާނެ ކަމަށް ކޫއްޑޫ ފިޝަރީޒް އިން ބުންޏެވެ.