މިދިޔަ މާރިޗު މަހު ނަލަހިޔާ ރެޒިޑެންސްގެ ފުލެޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ވަނީ ބަންދުކޮށްފައެވެ. އެއީ:

  • ކަސްތޫރިމާގެ / ޅ. ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ)

  • މޫންލައިޓްވިލާ / އައްޑޫ މީދޫ، މުޙައްމަދު އަފްރާޙް (40އ)
  • ދާރުލް އައްވަލް / ރ. މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ)
  • މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ)

ފުލުހުން އޭރު ބުނީ، މި މައްސަލައިގައި ފަސް މީހަކަށް ތުހުމަތުކުރެވޭއިރު، ފަސްވަނަ މީހާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިއަދު ފުލުހުން ބުނީ، މައްސަލައިގައި ތުހުމަތުވާ ފަސްވަނަ މީހާ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ޖަޒީލާމަންޒިލް / ހދ. ނޮޅިވަރަންފަރު، އުމުރުން 47 އަހަރުގެ ޖަޒީލް މުޙައްމަދެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނިގޮތުގައި، ނަލަހިޔާގެ ފުލެޓަކުން ވަގަށް ނެގި ހަތަރު މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ އެންމެ ބައިލައްކަ ރުފިޔާއެވެ.

މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، އަދި ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރާއްޖޭގައި ވައްކަމުގެ ކުދި މައްސަލަތައް ވަރަށް ގިނައިރު، މިދިޔަ މަހު ވެސް ވައްކަމުގެ 283 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެ މަހުގެ ތެރޭ އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވެސް ވައްކަމުގެ މައްސަލަތަކެވެ.