13 Sep 2012, 09:37
ވޮޝިންޓަން (ސެޕްޓެމްބަރ 13): އިސްލާމް ދީނުގެ ޢާޤީދާއަށާއި ކީރިތީ ރަސޫލާގެ ނަބަވީ ޝަޚްސިއްޔަތަށް އިހާނާތްކޮށް އެމެރިކާ އިން އުފައްދައި ނެރުނު ފިލްމަކާ ގުޅިގެން ލީބިޔާގައި ހުންނަވާ އެމެރިކާގެ ސަފީރު ކްރިސްޓިފާ ސްޓީވެންސް އަވާހާރަކޮށްލުމުން ލީބިޔާގައިވާ އެމެރިކާގެ މަސްލަޙަތުތައް ޙިމާޔަތް ކުރުމަށްޓަކައި އެޤައުމަށް އެމެރިކާގެ އަމްނާބެހޭ ޚާއްސަ ޓީމެއް ފޮނުވުމަށް ރައީސް ބަރަކް އޮބާމާ ނިންމަވައިފި އެވެ.
މިކަން އިޢްލާން ކުރައްވަމުން އޮބާމާ ވިދާޅުވީ ލީބިޔާގައިވާ އެމެރިކާގެ އެންބަސީއާއި ކޮންސިއުލޭޓާއި ކުންފުނިތަކުގެ ހެޑްކްއާޓަރުތައް ފަދަ އެމެރިކާގެ މަސްލަހަތުތައް ވަނީ ނުރައްކަލުގެ ތެރޭގައި ކަމަށާއި މިތަންތަން ޙިމާޔަތްކުރުމަށް އެމެރިކާގެ އަމްނާބެހޭ ޚާއްސަ ޓީމެއް ލިބިޔާއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމުގަ އެވެ. "އަންސާރުއް ޝަރީޢާ" ނަމަކަށްކިޔާ ލީބިޔާގެ ހަތިޔާރުއެޅި ޒުވާނުންގެ ޖަމާއަތަކުން ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް އިއްޔެ ޙަމަލާދިނީ އެމެރިކާގެ ފިލްމާގުޅިގެން ބެންޣާޒީގައި ލީބިޔާގެ އެތަށް ހާސްބަޔަކު ކުރި އިޙްތިޖާޖްތަކެއްގަ އެވެ. މިޙާދިސާގައި އެމެރިކާގެ ކޮންސިއުލޭޓަށް އާރުޕީޖީ ރޮކެޓުން ޙަމަލާދިނުމުގެ އިތުރުން އެޢިމާރާތުގައި ހުޅުޖަހައި ޢިމާރާތް އަންދާލާފައިވެ އެވެ.
ކޮންސިއުލޭޓްގައި ހުޅުޖެހިއިރު އެމެރިކާގެ ސަފީރު ހުންނެވިކަމަށްވަނީ އެ ޢިމާރާތުގެ ތެރޭގަ އެވެ. އެމެރިކާގެ ސަފީރު ކްރިސްޓިފާ ސްޓީވެންސް އަވަހާރަވީ ދުމުގެ ސަބަބުން ހާސްވެގެން ކަމަށް އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތްކުރި ލީބިޔާގެ ޑޮކްޓަރުން ބުނެ އެވެ.
އެމެރިކާގެ ކޮންސިއުލޭޓަށް ދިން ޙަމަލާތަކުގައި އެމެރިކާގެ ސަފީރުގެ އިތުރުން އެމެރިކާގެ ތިން ޑިޕްލޮމޭޓަކު ވެސް އަވަހާރަވި އެވެ. ލީބިޔާގައި އަވަހާރަކޮށްލި އެމެރިކާގެ ސަފީރާއި ޑިޕްލޮމޭޓުންގެ ހަށިތަކާ އެކު ލީބިޔާގައި ތިއްބަވާ އެމެރިކާގެ އެހެން ޑިޕްލޮމޭޓުން ނާއި އެމީހުންގެ ޢާއިލާތައް މިހާރު ވަނީ ޖަރުމަނުގައިވާ އެމެރިކާގެ ޢަސްކަރީ ބޭހަކަށް ވައިގެ މަގުން ގެންގޮސްފަ އެވެ. އޮބާމާވަނީ ލީބިޔާގެ ސަފީރާއި ޑިޕްލޮމޭޓުން އަވަހާރަކޮށްލި މީހުން ހޯދައި އެމީހުން ލީބިޔާގެ ކޯޓްތަކަށް ޙާޒިރު ކުރުމަށް ލީބިޔާގެ ސަރުކާރަށް ގޮވާލައްވާފަ އެވެ. މި ހަތަރު މީހުން މެރުމުގައިޝާމިލްވާ ފަރާތްތަކަށް ޙައްޤު އަދަބު ނުދެވެނީސް އެމެރިކާ މަޑުން ނޯންނާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ. (އަލްޖަޒީރާ)