ޓްރިޕޮލީ (ސެޕްޓެމްބަރ 12): ލީބިޔާގެ ބޮޑުވަޒީރުކަމަށް އެ ޤައުމުގެ ނެޝަނަލް ފްރަންޓް ޕާޓީގެ ކެންޑިޑޭޓް މުސްތަފާ އަބޫޝާޤޫރު އިންތިޚާބުކޮށްފި އެވެ.

ޝާޤޫރު މިއިންތިޚާބު ކާމިޔާބުކުރެއްވީ މިމަޤާމަށް ކުރިމަތިލެއްވި އަށް ކެންޑިޑޭޓުންގެ މެދުގައި ހިނގައި ދިޔަ ވަރުގަދަ އިންތިޚާބީ ރޭހެއްގެ ތެރެއިން އިންތިޚާބުގެ ދެވަނަ ބުރުގަ އެވެ. އަބޫ ޝާޤޫރަކީ ލީބިޔާގެ ކުރީގެ އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރުގެ ނައިބުކަމުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ ދާދިފަހުން ލީބިޔާގައި އިންތިޚާބު ކުރި 200 މެންބަރުންގެ ޕާލަމެންޓް (ޖެނެރަލް ކޮންގްރެސް)ގައި އޭނާގެ ޕާޓީގެ ފަރާތުން ވާދަކުރައްވައިގެން އިންތިޚާބުވެވަޑައިގެންފައިވާ މެންބަރެއް ވެސް މެ އެވެ. ލީބިޔާގައި މިހާރު ކުރިޔަށް އިންތިޤާލީ މަރްޙަލާގައި ވެރިކަން ބައްޓަންކުރެވިފައި ވަނީ ބަރުލަމާނީ ނިޒާމާ އެއްގޮތް ވައްތަރަކަށެވެ.

ގައްޒާފީގެ ވެރިކަން ވެއްޓުމަށް ފަހު ލީބިޔާގައި އުފެދިގެން ދިޔަ ދިމުޤްރާތީ ސިޔާސީ މަސްރަޙުގައި އައު ބޮޑުވަޒީރު އަބޫ ޝާޤޫރު ހިމެނިވަޑައިގަންނަވަނީ އިސްލާމީ ޚިޔާލުގެ (އިޚްވާނުލްމުސްލިމީންގެ ފިކުރުގެ) ބޭފުޅެއްގެ ގޮތުގަ އެވެ. ބޮޑުވަޒީރު ކަމުގެ މަޤާމަށް އޭނާއާ އެންމެގާތުން ވާދަކުރެއްވީ ލިބެރަލް ފިކުރަށް ނިސްބަތްވެ ވަޑައިގަންނަވާ ލީބިޔާގެ ކުރީގެ އިންތިޤާލީ މަޖިލީހުގެ ތަންފީޒީ އޮފީހުގެ ވެރިޔާ ޑރ. މަޙްމޫދް ޖިބްރީލް އެވެ. ޖިބްރީލްގެ މައްޗަށް އަބޫޝާޤޫރު ކުރިހޯއްދެވި އެންމެ ދެވޯޓުގެ ތަފާތަކުންނެވެ. ޖިބްރީލަކީ ލެބެރަލް ޚިޔާލުގެ ބޭފުޅެކެވެ.

ލީބިޔާގެ ސިޔާސީ މަސްރަޙުގައި ވެސް ދެފިކުރެއްގެ އިސްލާމީ ޚިޔާލުގެ ބޭފުޅުން ވާދަކުރައްވަމުން ގެންދަވަ އެވެ. މީގެތެރޭގައި ހިމެނެނީ އިޚްވާނުލްމުސްލިމީންގެ ފިކުރާއި ސަލަފީ ފިކުރެވެ. ލީބިޔާގެ މިހާރުގެ އިންތިޤާލީ މަރްޙަލާގައި އެޤައުމުގެ ރައީސަކީ ޕާލަމެންޓްގެ ވެސް ރައީސެވެ. ޕާލަމެންޓްގެ ރައީސް ޑރ. މުޙައްމަދުލްމިޤަރީފް ވެސް ނިސްބަތްވެވަޑައިގަންނަވަނީ އިސްލާމީ ޚިޔާލުގެ ބޭފުޅުންގެ ތެރޭގައި ހިމެނޭ އިޚްވާން ފިކުރަށެވެ. ޕާޓީތަކަށް ބަލާއިރު ލީބިޔާގެ ޕާލަމެންޓްރީ އިންތިޚާބުގައި ކާމިޔާބު ހޯދާފައި ވަނީ ޢިލްމާނީ ލެބްރަލްޚިޔާލުގެ ޕާޓީތަކެވެ. ނަމަވެސް މުސްތަޤިއްލު ކެންޑިޑޭޓުންގެ ތެރެއިން ކާމިޔާބު ހޯދައި ޕާލަމެންޓްގެ ގޮނޑި ޙާސިލްކޮށްފައި ވަނީ އިސްލާމީ ޚިޔާލުގެ ބޭފުޅުންނެވެ.

ލީބިޔާގެ ދައުލަތުގެ ރައީސް ކަމާއި ޕާލަމެންޓްގެ ރައީސް ކަމަށް ވެސް އަދި ބޮޑުވަޒީރު ކަމަށް ވެސް އިސްލާމީ ޚިޔާލުގެ ބޭފުޅުން އިންތިޚާބުކުރެވިފައި ވަނީ މިކަމުގެ ސަބަބުންނެވެ. ލީބިޔާގެ ދިމުޤްރާތީ އިންތިޚާބުތަކުގައި ވެސް އިސްލާމީ ޚިޔާލުގެ ބޭފުޅުން ކާމިޔާބު ހޯއްދަވައި ޤައުމުގެ ވެރިކަން ހޯއްދަވާފައިވާ އިރު ޢަރަބި ސްޕްރިންގްގައި ހިމެނޭ ލީބިޔާގެ އަވަށްޓެރި ދެޤައުމުތައް ކަމަށްވާ މިސްރާއި ތޫނިސްގެ އިންތިޚާބުތައް ކާމިޔާބުކޮށްގެން އެދެޤައުމުގެ ވެރިކަމަށް ވެސް އައިސްފައި ވަނީ އިޚްވާން ފިކުރުގެ އިސްލާމީ ޚިޔާލުގެ ބޭފުޅުންނެވެ. (އަލްޖަޒީރާ)