14:26


އޮޅުވާލައިގެން އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގައި އިލެކްޝަންސްގެ އިހުމާލުވުމެއް ނޯންނާނެ ކަމަށާއި، ޕާޓީތަކުން ފޮނުވާ މެންބަޝިޕް ފޯމުތަކަކީ ސައްހަ ފޯމުތަކެއްތޯ ބެލުމުގެ މަސްއޫލިއްޔަތު ޕާޓީތަކުން ނަގަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.


ޑީއާރުޕީގެ ބ. ތުޅާދޫ ގޮފީގެ ރައީސް މުހައްމަދު އަސްރާރަށް ނޭނގި އޭނާ އެމްޑީޕީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ، ޑީއާރުޕީން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށްފަހު، އެކަމުގައި އިލެކްޝަން ކޮމިޝަންގެ އަތެއް ވާކަމުގައި ބެލެވޭ ކަމަށް، ޑީއާރުޕީގެ ވަކީލު މުހައްމަދު ވަހީދު ވިދާޅުވެފައިވާތީ، ފުއާދު ވިދާޅުވީ، އެކަމުގައި އިލެކްޝަންސް ކޮމިޝަންގެ އިހްމާލްވުމެއް ވާ ކަމަށް ވިދާޅުވާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި އޮޅުވާލައިގެން އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލު ކުރަން އުޅުމުގެ ޝަކުވާތަކަކީ ވަރަށް ގިނައިން އިލެކްޝަނަށް ހުށަހެޅޭ ޝަކުވާތަކެއް ކަމަށާއި، ހެކިންގެ އިނގިލީގެ ނިޝާން ޖަހަންޖެހޭ ގޮތަށް ހަމަޖައްސައި ކަމާ ބެހޭ ފޯމު ބަދަލުކުރީ ވެސް، އެކަން ހައްލު ކުރުމަށް ކަމަށެވެ. ނަމަވެސް އިނގިލީގެ ނިޝާނާއެކު ހުށަހަޅާ ފޯމުތަކުގައި ހުންނަ އިނގިލީގެ ނިޝާން ވަގުތުން ޗެކް ކުރެވެން އިލެކްޝަން ކޮމިޝަންގައި ނުހުންނަ ކަމަށާއި، އެވަގުތު އިލެކްޝަނުން ޗެކްކުރެވެން ހުންނަ ކަންތައް ޗެކް ކުރުމަށްފަހު އެކަން އެމީހަކަށް އަންގާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި އެކަމަކީ އޮޅުވާލައިގެން ކޮށްފައިވާ ކަމެއްނަމަ، އެކަން ދިމާވި މީހާގެ ސިޓީއަކާއި އައިޑީކާޑު ހުށަހެޅުމުން، ނުވަތަ މައްސަލަ ހުށަހަޅާ ފޯމު ފުމުން ވަގުތުން އެމީހާގެ ރަޖިސްޓްރީ ކުރިންއޮތް ޕާޓީއަށް ބަދަލުކުރާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅުއްވާކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި އެފަދަ މައްސަލަތައް ޕާޓީތަކުން ފުލުހުންނަށް ހުށަހެޅުމުގެ ކުރުން އިލެކްޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮންނަ ކަމަށާއި، ޕާޓީތަކުން ހުށަހަޅާ އެފަދަ މައްސަލަތައް ހާމަކަން ބޮޑު ގޮތެއްގައި ބަލަމުން ގެންދަވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.


ޑީއާރުޕީގެ ބ. ތުޅާދޫ ގޮފީގެ ރައީސަށް ނޭނގި އޭނާ އެމްޑީޕީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ، ޑީއާރުޕީން އެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހެޅުމަށްފަހު ޑީއާރުޕީގެ ވަކީލު މުހައްމަދު ވަހީދު ވިދާޅުވީ، މިއީ މިގޮތަށް ހިނގާ ފުރަތަމަ މައްސަލަ ނޫން ކަމަށްެވެ. އަދި މިފަދަ އެތައް ފޯމެއްގައި މައްސަލަ އުފެދިފައިވާ ކަމަށާއި، މިކަމުގައި އިލެކްޝަންސް ކޮމިޝަންގެ އަތެއްވާކަމަށް ޝައްކު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޑީއާރުޕީން ކުރިމަތިލާ ފަރާތްތަކަށް އެކަން ވިޔަނުދިނުމަށްޓަކައި، މަކަރާއި ހީލަތުން އެފަރާތްތައް އެމްޑީޕީއަށް ބަދަލު ކުރުމަށް އެމްޑީޕީން ހިންގާ މަސައްކަތްތަކެއް ކަމަށާއި، މިކަންތައް އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.