މާލޭ އިންޓަނޭޝަނަލް އެއާޕޯޓް މިހާރުގެ ނަމުން ނަމަ، އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް 2009 ވަނަ އަހަރާ ހަމައަށް އޮޕަރޭޓް ކުރަމުން އައީ އެއާޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. އޭގެ ފަހުން އެތަން ޕްރައިވެޓައިޒްކޮށް އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރި އެވެ. އެތައް މައްސަލަތަކެއްގެ ތެރެއިންނެވެ. ސިޔާސީ ފަރާތްތަކުގެ އިތުރަށް އެމްއޭސީއެލްގެ ބޯޑުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް އެކަމާ ދެކޮޅުހެއްދެވުމުންނެވެ.

މައްސަލަގަނޑު ކޮޅެއްގައި ޖެހުނު އިރު އެމްއޭސީއެލް އަށް އެއާޕޯޓް ދޫކޮށްލަންޖެހުނެވެ. ނަމަވެސް އޭރު އެ ކުންފުނިން 450000 ޑޮލަރު (6.9 މިލިއަން ރުފިޔާ) ހަރަދުކޮށް ބިޔަ މާސްޓާ ޕްލޭނެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ސްކޮޓް ވިލްސަންއާ ހަވާލުކޮށްގެން ކުރި ކޮމްޕްލީޓް ދިރާސާ އެ ކުންފުންޏަށް ލިބުނީ 2008 ވަނަ އަހަރު އެވެ. ސްކޮޓްވިލްސަން އަކީ އިތުރު ތައާރަފަކަށް ބޭނުން ނުވާނެ ނަން މަޝްހޫރު ކުންފުންޏެކެވެ. ރާއްޖޭގެ އެއާޕޯޓްގެ މާސްޓާ ޕްލޭންގެ ވާހަކަ އެ ކުންފުނީގެ ވެބްސައިޓުގައި ވެސް ހިމަނާފައިވެ އެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ "ސުނާމީ އަށް ފަހު އެއާޕޯޓަށް ބޮޑަތި މައްސަލަތަކެއް ކުރިމަތިވި، އެއާޕޯޓް ރަންވޭ ވަރަށް ބޮޑަށް ގަބަން ފެށި، އެ ހުރިހާ ކަމެއް ހައްލުކުރަން އޭރުގެ ބޯޑަށް ފެނުނީ އެއާޕޯޓް އެކަށް ޑިވަލޮޕްކުރަން، އެކަމަށް އަޅުގަނޑުމެން މި މާސްޓާ ޕްލޭން ހެދީ. މިއީ ވަރަށް ފުރިހަމަ އަދި މިހާރު ޖެހިގެން އުޅޭ ގިނަ މައްސަލަތަކަށް ޖަވާބުލިބޭނެ މާސްޓާ ޕްލޭނެއް،" ރައީސް މައުމޫނާއި ނަޝީދުގެ ސަރުކާރުގައި ވެސް އެމްއޭސީއެލްގެ ބޯޑު މެންބަރުކަން ކުރެއްވި ބޭފުޅަކު ސަން އޮންލައިން އަށް ވިދާޅުވި އެވެ.

ސަން އޮންލައިންއަށް އެ މާސްޓާ ޕްލޭންގެ ފުރިހަމަ ކޮޕީތަކެއް ވަނީ ލިބިފަ އެވެ. އެ ޕްލޭންގެ ދަށުން އެއާޕޯޓް ޑިވަލޮޕްމަންޓްގެ މަސައްކަތް ފަށާނީ 2010 ވަނަ އަހަރު އެވެ. ނިންމުމަށް ހަމަޖެހިފައި ވަނީ 2030 ގަ އެވެ. މާސްޓާ ޕްލޭންގައި ފީސިބިލިޓީ ސްޑަޑީ އަކާއި އެއާޕޯޓް ޑިވަލޮޕްކުރަން ޖެހޭނެ ގޮތުގެ ފުރިހަމަ ޕްލޭނެއް ހިމަނާފައިވެ އެވެ. ކޮންމެ ފިޔަވައްސެއްގައި ވެސް އެއާޕޯޓް ޑިވަލޮޕްކުރާނީ އެއާޕޯޓް ބޭނުން ކުރާ ފަސިންޖަރުންނާއި ނިސްބަތަށް ބަލައިގެން އެމްއޭސީއެލްއަށް ވެސް ފައިސާގެ ދަތިކަން އެންމެ ކުޑަގޮތަށް ބަލައިގެންނެވެ.

ފުރަތަމަ ފޭސްގެ ހުޅުލޭގެ އިރުމަތީ ފަރާތް ހިއްކައި ބިމަށް ބޮޑު ބައެއް އިތުރުކުރަން ވަނީ ރާވައިފަ އެވެ. އަދި އިތުރަށް ބޭނުން ވެއްޖެ ނަމަ ދެވަނަ ފިޔަވަހީގެ ދަށުން ވެސް ހުޅުލޭގެ އިރުމަތީފަރާތުން ހިއްކާ އެރަށް ބޮޑު ކުރާނެ އެވެ. އެގޮތުން ބޮންޑެޑް ވެއާ ހައުސްތައް ވެސް ބަދަލުކުރަނީ އެފަޅިއަށެވެ. އަދި އެމްއެންޑީއެފްގެ ހިދުމަތްތައް ވެސް ހުޅުމާލެ އަށް ބަދަލުކުރުމަށް އެ މާސްޓާ ޕްލޭންގައި ސްކޮޓްވިލްސަން އިން ވަނީ ޕްރޮޕޯސްކޮށްފަ އެވެ. އަދި ސީޕްލޭންތައް ވެސް ޖައްސާފައި ޓާމިނަލް އެއްޓާމިނަލްއަކަށް ބަދަލުކޮށް މިހާރު ވެސް ހުރި ޓާމިނަލް، ހުޅުލޭ މިސްކިތާ ހަމައަށް ފުޅާކޮށް އެ ޓާމިނަލް މުޅީން އެކީ ބަދަލުކޮށް ހުރިހާ ހިދުމަތްތަކެއް ޓާމިނަލްގެ ތެރެއިން ލިބޭނެ ގޮތް ހެދުމަށް ވަނީ ރާވައިފަ އެވެ. އަދި އަލަށް ހިއްކާ އިރުމަތީ ސަރަހައްދުގައި މިހާރު ބޭނުންކުރާ ރަންވޭ އަށް ވުރެ ބޮޑު ރަންވޭއެކެވެ. އެ ރަންވޭގައި އެއާބަސް 380 އާއި ބޮއިން 747 މަރުކާގެ ފްލައިޓްތައް ޖެއްސޭނެ އެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ އިމަޖެންސީ ރަންވޭގެ ގޮތުގައި ބޭނުން ކުރުމަށް މާސްޓަ ޕްލޭންގައި ވަނީ ޕްރޮޕޯސްކޮށްފަ އެވެ. އާންމުކޮށް ބޭނުން ކުރާނީ އަލަށް ހަދާ ރަންވޭ އެވެ.

"އިތުރު ރަންވޭއެއް އެއާޕޯޓަށް ބޭނުންވުން. ނޫނީ އިތުރު ރަންވޭއެއް އެޅުން، މިއީ ސުވާލެއްވެސް ނެތް ގޮތަށް އެއާޕޯޓަށް ބޭނުންވާނެ ތަންތަން. ނަމަވެސް މިހާރު ޖީއެމްއާރުން ޓާމިނަލް އެ ބިލްޑްކުރާ ތަނުގެ ގޮތުން އިތުރު ރަންވޭއެއް އެޅުމުގެ ފުރުސަތު މުޅިންހެން ގެއްލިފައި ވަނީ،" ކުރިންވެސް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ވެސް ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި މީގެ ކުރިން ވިދާޅުވެފައި ވަނީ ޖީއެމްއާރުން އެއާޕޯޓް ޑިވަލޮޕްކުރާ ގޮތުން އެއާޕޯޓް ޑިވަލޮޕްކުރުމަށް ހަދާފައިވާ މާސްޓާޕްލޭނާ މުޅިން ހިލާފަށް ކަމަށާއި އޭގެ ސަބަބުން މުސްތަގުބަލުގައި އެއާޕޯޓް ޑިވަލޮޕްކުރުމަށް ބޮޑަތި ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ.

"މިހާރު އެ މާސްޓާ ޕްލޭނެއް ނޫން މިއިކީ، މިއީ ޖީއެމްއާރުން ގެންގުޅޭ ޕްލޭނެއް، އެމީހުންގެ އަމިއްލަ ޕްލޭނަށް ޑިވަލޮޕްކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މާސްޓާ ޕްލޭނަށް ފައިނޭންސް ކުރުމަށް ކުވޭތު ފަންޑުން 500 މިލިއަން ޑޮލަރު ނެގުމަށް ވެސް ޕްލޭންގައި ވަނީ ޕްރޮޕޯސްކޮށްފަ އެވެ. އެގޮތުން އެ ފައިސާ ދެނީ އިންސްޓޯލްމަންޓްތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ޕޭމަންޓް 2010 ވަނަ އަހަރު އަދި ދެ ވަނަ ޕޭމަންޓް 2015 ވަނަ އަހަރު އަދި ބާކީ ހުރި ފައިސާ 2020 ވަނަ އަހަރާއި 2030 ވަނަ އަހަރު ދޭގޮތަށް ވަނީ ޕްލޭންކޮށްފަ އެވެ. ކުރިން ވެސް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ ކުވައިތު ފަންޑުން އޮތީ އެ މާސްޓާ ޕްލޭން އެޕްރޫވްކޮށް އެއަށް ފައިސާ ހަރަދުކުރުމަށް ތައްޔާރަށް ކަމަށެވެ.

"ކުވޭތު ފަންޑުގެ އެންމެ ކާމިޔާބު ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހިމެނޭނެ މާލޭ އެއާޕޯޓްގެ ވާހަކަ، އެމީހުން ބޭރުގެ ޓީވީތަކުން ދައްކާ އިޝްތިހާރުތައް ވެސް ބައްލަވައި، އެ ހުރިހާ ކަމެއް ހަމަޖެހިފައި އޮއްވައި ސަރުކާރުން ޕްރައިވެޓައިޒް ކުރީ، އެހެންވެ އަޅުގަނޑުމެން އޭރު ބޯޑުގައި ތިބެ އެކަމަށް ދެކޮޅުވެސް ހެދީ." އޮފިޝަލް ވިދާޅުވި އެވެ.

އެއާޕޯޓް ޕްރައިވެޓައިޒޭޝަންއިން ބޮޑެތި މައްސަލަތައް ނުކުމެ އެންމެ ފަހުން އެ މައްސަލަތައް ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުގައި އޮތްއިރު ހަތަރު ލައްކައަށް ވުރެ ގިނަ ޑޮލަރު ހަރަދުކޮށްގެން ހެދި މާސްޓާ ޕްލޭން ދިޔައީ ފެނަށެވެ. އެއީވެސް ބޭކާރުވެގެން ދިޔަ ލާރިތަކެއް ނޫންބާ އެވެ؟ ކުންފުންޏެއްގެ މަސައްކަތް ނޫންބާ އެވެ؟