18 Apr 2026, 11:59
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެން ދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސައި، ސަރުކާރުން މިއަދާ ހަމައަށް ވެސް ދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މަނޭޖުކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ކުރަމުންދާ މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ޔަގީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނުކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެން ދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސައި، ސަރުކާރުން މިއަދާ ހަމައަށް ވެސް ދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މަނޭޖުކުރަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެކަން މަސްވެރިން ވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށް ފަހު މިހާރު މުޅި ރާއްޖެއަށް ވެސް އެންވެެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މަސްވެެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުން މިދަނީ މަސްވެެރިންގެ ކަންކަން މިހާލަތުގައި ވެސް ގާތުން ބަލައި، މަސްވެެރިންނަށް އެންމެ ރަނގަޅު ގޮތަކަށް މަސައްކަތް ކޮށްދެމުން. އަދި މަސްވެެރި އިންޑަސްޓްރީގައި ހަރަކާތްތެެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދުނުމަށް ވެސް އިންޑަސްޓްރީގެ މަޝްވަރާއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން،ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ޝިޔާމް އެފަދައިން ވިދާޅުވި އިރު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސްޓީއޯއިން ވަނީ، ވިޔަފާރިތަކަށް ވިއްކާ ތެލާއި ޑީސަލްގެ ރޭޓުތައް މީގެކުރިން ބޮޑުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އޭގެތެރެއިން އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ވިޔަފާރިތަކާއި، އެސްޓީއޯއިން ތެޔޮ ގަނެގެން ރަށްރަށުގައި ޝެޑް ހިންގާ އަމިއްލަ ވިޔަފާރިތައް އެ ބަދަލުން އިސްތިސްނާ ކޮށްފައެވެ.
މި ގެނެވުނު ބަދަލާއެކު މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަަލްގެ އަގު ބޮޑުކުރި ނަމަވެސް، ފަހުން ވަނީ މަސްވެރިންނަށް ކުރިޔެކޭ އެއް އަގެއްގައި ތެޔޮ ގަންނަން ލިބޭނެކަމަށް ބުނެފައެވެ.