18 Apr 2026, 10:45
މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށިތާ ދެ ހަފުތާ ފަހުން ދަތުރުތަކަށް ފައިސާ ނަގަން ފަށައިފިއެވެ.
މި މަހުގެ ދެވަނަ ދުވަހު، ސަރުކާރުން މާލޭގައި ފެށި ޓެކްސީ ލައިނުގެ ޚިދުމަތް، ފުރަތަމަ ހަފުތާގައި ވަނީ ހިލޭކުރަން ނިންމައިފައެވެ. ނަމަވެސް އޭގެ އިތުރު ހަފުތާއަށް ވަނީ ދަތުރުތައް ހިލޭ ކޮށްދީފައެވެ.
އެފަހުން މިއަދު އެ ޚިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ މިހާރު ދަތުރުތަކަށް ފައިސާ ނަގަން ފަށާފައިވާ ކަމަށެވެ.
ޓެކްސީ ލައިންގެ ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވެސް އާއްމުކޮށް ޓެކްސީ ކުރާ އަގުތަކުގައެވެ.
ފާހަގަކުރެވޭ ގޮތުގައި، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށިފަހުން ވަނީ އެ ޚިދުމަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ތައާރަފުކުރި ފުރަތަމަ ހަފުތާގައި އެކަނިވެސް ޚިދުމަތަށް ބާރުބޮޑުވެ، ހޮޓްލައިން ނަންބަރު، 1655 އަށް ނުގުޅޭ ކަމަށް އާންމުން އައީ ބުނަމުންނެވެ. އެގޮތުން ކިޔޫގައި ވިއްސަކަށް މިނެޓު މަޑުކުރަން ޖެހި، ކާރަށްވެސް ދިގު އިންތިޒާރެއް ކުރަން ޖެހޭ ކަމުގެ ޝަކުވާ ބައެއް އާންމުން އައީ ކުރަމުންނެވެ.
އެކަމާ ގުޅިގެން އެމްޓީސީސީން އޭރު ބުނީ، ޓެކްސީ ލައިނުގެ ޚިދުމަތް ފުރަތަމަ ހަތް ދުވަހު ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފައި އޮތުމުން، ގިނަ އަދަދެއްގެ ކަސްޓަމަރުން ޚިދުމަތަށް އެދި ގުޅަމުން އަންނަ ކަމަށެވެ. އަދި ކޯލް ސެންޓަރުގެ އޭޖެންޓުން މެދުނުކެނޑި 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ.
މާލޭ ޓެކްސީ ލައިންގެ ޚިދުމަތާއެކު، އެމްޓީސީސީން ވަނީ ވެބް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފައެވެ. ނަމަވެސް ވެބް އެޕްލިކޭޝަން ތައާރަފުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭ ވަނީ ނަގައިފައެވެ. އެގޮތުން، އެ ވެބް އެޕްލިކޭޝަންގައި ރަޖިސްޓްރީވުމަށް އާންމުން ދޭ މައުލޫމާތު ލީކުވާ ކަމުގެ ކަންބޮޑުވުން ވަނީ ސޯޝަލް މީޑިއާގައި ފާޅުކޮށްފައެވެ.
ޓެކްސީ ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މި މަޝްރޫއު ފެށި ނަމަވެސް، އާންމުންގެ މެދުގައި އަދިވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ބައެއް ރައްޔިތުން ފާހަގަކުރާ ގޮތުގައި، ދަތުރުތައް ހިލޭ ކޮށްދެމުން ދިޔަ ނަމަވެސް، ޓެކްސީ ހޯދުމަށް އޮތް ތަކުލީފަށް އެދެވޭ ލުޔެއް އަދި ލިބިފައެއް ނުވެއެވެ. ޚާއްސަކޮށް ވާރޭވެހޭ ދުވަސްވަރު ޓެކްސީއެއް ހޯދުމަކީ އަދިވެސް ނުހަނު އުނދަގޫ ކަމެކެވެ.
މާލޭ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މާލެ ގެނައީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ހިމެނެއެވެ.