ސުލްހައިގެ ދާއީމީ އެއްބަސްވުމެއް ބުދަ ދުވަހުގެ ނިޔަލަށް ގާއިމުނުކޮށްފިނަމަ، މިހާރު އޮތް ހަނގުރާމަ މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުން (ސީޒްފަޔާ) ގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނަމަވެސް އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"ފަހަރެއްގައި އަޅުގަނޑު އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރާނަން. ނަމަވެސް އީރާނުގެ ބަނދަރުތައް ހިސޯރު ކުރުން ދެމިއޮންނާނެ.⁠" އެރިޒޯނާގެ ފީނިކްސްއިން ވޮޝިންޓަނަށް އެނބުރި ވަޑައިގަތުމަށް އެއާފޯސް ވަންގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

"އެހެންވީމާ ހިތާމަޔަކީ އަޅުގަނޑުމެން އަނެއްކާވެސް ބޮން އަޅަން ފަށަން ޖެހޭތީ،" ޓްރަމްޕް ވިދާޅުވިއެވެ.

އެއްބަސްވުމެއް ގާއިމު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ޓްރަމްޕް ވިދާޅުވި ނަަމަވެސް މަޝްވަރާތަކާ ގުޅޭ ގޮތުން އީރާނުން ބުނާ ވާހަކަތަކުގައި ފުށުއެރުން ހުރުމުން، އެއްބަސްވުމަކަށް އައުމަށް އަދިވެސް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް ބެލެވެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ޕާކިސްތާނުގައި ބޭއްވި މަޝްވަރާތައް ނާކާމިޔާބުވެފައިވާއިރު، އެ މަޝްވަރާތަކަށް ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ފަހުން އަނެއްކާ ވެސް މަޝްވަރާތައް އަންނަ ހޯމަ ދުވަހު ޕާކިސްތާނުގައި ދެ ފަރާތުން ފަށާނެ ކަމަށް އީރާނުގެ މަސްދަރުތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.

ސީއެންއެންއިން އެގޮތަށް ރިޕޯޓުކޮށްފައިވާއިރު، އިރާނާ ގުޅިގެން ވަރަށް ރަނގަޅު ޚަބަރެއް ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ޚަބަރެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި ހޯމަ ދުވަހު މަޝްވަރާތައް ބާއްވަން ހަމަޖެހިފައިވާކަން އެެމެރިކާއިން ކަށަވަރުކޮށްދީފައެއް ވެސް ނުވެއެވެ. އަދި އީރާނާއެކު އެއްބަސްވުމަކާ ގާތްކަމަށާއި ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހަފްތާ ބަންދުގައި އެމެރިކާއާއި އީރާނާ ދެމެދު ސީދާ މަޝްވަރާތައް ނިންމާނުލެވުނީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެހެނިހެން ނުކުތާތަކާ މެދު ދެގައުމަށް އެއްބަސްވެވޭ ގޮތެއް ނުވުމުންނެވެ.

އީރާނާއި އެމެރިކާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އީރާނުން ހުށަހަޅާފައިވާ ލުބުނާނު ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ ގުޅިގެން ލުބުނާނަށް ހަމަލާ ދިނުން 10 ދުވަހުގެ މުއްދަތަށް އިސްރާއީލުން ވަނީ މެދުކަނޑާލާފައެވެ. އެހެންވެ، އީރާނުން ވަނީ ހުރުމުޒް ކަނޑުއޮޅިވެސް މިހާރު ހުޅުވާލާފައެވެ.

ނަމަވެސް އެެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ހުރަސްއަޅާނަމަ، ކަނޑުއޮޅި އަލުން ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.