އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ އެއްބައި ގޮނޑި، އަންހެނުންނަށް ޚާއްސަ ކުރުމުގެ ބިލު މަޖިލީހުގެ ތިރިގެ (ލޮކް ސަބާ)ގެ ތާއީދު ނުލިބި ބޭރުކޮށްލައިފިއެވެ.

މި ފިޔަވަޅަކީ 1947 ވަނަ އަހަރު އިނގިރޭސި އިސްތިއުމާރީ ވެރިކަމުން މިނިވަންވި ފަހުން އިންޑިއާގެ ސިޔާސީ ނިޒާމަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ސަރުކާރާއި އިދިކޮޅު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބައިވެރިވި ދެ ދުވަހުގެ ބަހުސްތަކަށް ފަހު އެކަން ވަނީ ނާކާމިޔާބުވެފައެވެ.

އަންހެން މެންބަރުންގެ އަދަދު އިތުރުކުރުމަކީ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ތާއީދުކުރާ ކަމަކަށް ވިޔަސް، މަޖިލީހުގެ ޖުމްލަ ގޮނޑީގެ އަދަދު އިތުރުކޮށްގެން އެކަން ކުރަން އުޅުމަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއަށް ނާޖާއިޒު ފައިދާ ލިބޭނެ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ފާސްކުރި، މަޖިލީހުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކުރުމުގެ ގާނޫނު އަވަހަށް ތަންފީޒުކުރުމުގެ ބިލާއި އާބާދީއަށް ބަލައި ދާއިރާތައް އަލުން ކަނޑައަޅައި، މަޖިލީހުގެ ގޮނޑީގެ އަދަދު 800 އަށްވުރެ މައްޗަށް އިތުރުކުރުމުގެ ބިލު މޯދީގެ ސަރުކާރުން ހުށަހެޅީ ބުރާސްފަތި ދުވަހު ފެށި ރައްޔިތުންގެ މަޖިލީހުގެ ތިން ދުވަހުގެ ޚާއްސަ ޖަލްސާއެއްގައެވެ. ނަމަވެސް އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ބިލަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލިބިއްޔަތެއް ނުލިބުނެެވެ.

ބިލު ފާސްވިނަމަ 2029 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބު ބާއްވާއިރު، ތިރިގެ (ލޮކް ސަބާ)ގެ ގޮނޑިތަކުގެ އަދަދު 543 އިން ގާތްގަނޑަކަށް 850 އަށް އިތުރުވެގެން ދާނެއެވެ.

އިދިކޮޅު ބޮޑެތި ޕާޓީތަކުން ވަނީ މި ބިލާ ދެކޮޅު ހަދައި، 2011 ވަނަ އަހަރުގެ ބޯހިމެނުމުން ނަގާފައިވާ އާބާދީގެ މައުލޫމާތަށް ދާއިރާތައް ބިނާކުރުމުން، ސިޔާސީ ބާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުތުރުގެ ސްޓޭޓްތަކަށް ބަދަލުވެ، ދެކުނު ސަރަހައްދުތަކުގެ ހިއްސާ އަދި ނުފޫޒު ދަށްވެދާނެ ކަމަށް އިންޒާރު ދީފައެވެ. އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ މިހާރު ކުރިއަށްދާ އާ ބޯހިމެނުމުގެ ނަތީޖާ ލިބެންދެން މަޑުކުރުމަށެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން އުތުރުގައި ވަރުގަދަ ތާއީދެއް އޮންނަ މޯދީގެ ޕާޓީއަށް ފައިދާ ކުރާނެ ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.