މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް މާބާރަށް ކާރު ދުއްވުމުން ލައިސަންސް އަތުލައި ހަ މަސްވަންދެން ކާރު ދުއްވުން މަނާކޮށްފި އެވެ.

އިނގިރޭސި ކުރީގެ ކެޕްޓަން ވަނީ 30 ކީލޯ މީޓަރަށް ދުއްވަންޖެހޭ މަގެއްގައި 38 ކިލޯ މީޓަރަށް ދުއްވައިފަ އެވެ. އެއީ ޓްރޭނިން ނިންމާފައި އެނބުރި ގެއަށް ދަމުންނެވެ.

އޭނާގެ ދެ ކުދިން ސްކޫލަށް ގެންދިއުމަށް ލައިސަންސް ބޭނުންވާތީވެ މި ސަސްޕެންޝަން އިސްތިއުނާފު ކުރުމުން ވެސް އޯލްޓްރެފަޑްގެ ކޯޓުން ވަނީ ފާޑިނަންޑަށް ރަތްކާޑު ދައްކައިފަ އެވެ. އެއީ ހުސްވި ޖެނުއަރީ މަހު ވެސް ދެ ފަހަރެއްގެ މަތީން ގަވާއިދާ ހިލާފަށް ބާރަށް ކާރު ދުއްވައިގެން ލައިސަންސް ކާޑުން ތިން ޕޮއިންޓް އުނިކޮށްފައިވާތީ އެވެ.

ފާޑިނަންޑްގެ މައްސަލާގައި ކޯޓުން ބުނީ ގަވާއިދާ ހިލާފަށް ދުއްވައިގެން ފާޑިނަންޑް އާއްމުނަށް ދީފައިވަނީ ގޯސް މެސެޖެއް ކަމަށެވެ.