މައިކްރޯސޮފްޓް ޑިފެންޑާގެ ނާޒުކު މައްސަލައެއްގެ ފައިދާ، ނާޖާއިޒު ގޮތުގައި ހެކަރުން ނަގަމުންދާކަމަށް ރިސާޗަރުން އިންޒާރުދީފިއެވެ.

މައިކްރޯސޮފްޓް ޑިފެންޑާ އެންޓިވައިރަސް އަކީ ގިނަ ވިންޑޯސް ސިސްޓަމްތަކެއްގެ ފުރަތަމަ ސަލާމަތީ ފިޔަވަޅެވެ. ނަމަވެސް، ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި މި އެންޓިވައިރަސްއިން އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަމެއް ފޯރުކޮށެއް ނުދެވެއެވެ. އަދި މިކަމާ މައިކްރޯސޮފްޓުން މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށް ވެސް ފާހަގަކުރެވެއެވެ.

ސެކިއުރިޓީ ރިސާޗަރެއް ކަމަށްވާ "ކެއޯޓިކް އިކްލިޕްސް" ވަނީ މައިކްރޯސޮފްޓް ޑިފެންޑާއަށް އަސަރުކުރާ "ރެޑް ސަން"ގެ ނަމުން ނަންދީފައިވާ ނާޒުކު މައްސަލައެއް ދާދިފަހުން ހާމަކޮށްފައެވެ.

މައިކްރޯސޮފްޓުން މި މައްސަލައާ މެދު އަމަލުކުރަމުންދާ ގޮތަށް ފާޑުކިޔަމުން، އޭނާ ހާމަކުރިގޮތުގައި އޭނާގެ ޕްރޫފް-އޮފް-ކޮންސެޕްޓް (ޕީއޯސީ) ކޯޑު ބޭނުންކޮށްގެން ޑިފެންޑާގެ ސެކިއުރިޓީ ފޫއަޅުވާލެވޭނެއެވެ. އަދި ހެކަރުން މިހާރުވެސް މިކަމުގެ ފައިދާ ނަގަން މަސައްކަތްކުރަމުންދާކަމަށް އޭނާ ބުންޏެވެ.

މި މައްސަލަ ދިމާވަނީ "ކްލައުޑް" ޓެގް ކޮށްފައިވާ ނުރައްކާތެރި ފައިލްތަކާ މެދު ޑިފެންޑާ އަމަލުކުރާ އާދަޔާޚިލާފު ގޮތުންނެވެ.

ރިސާޗަރު ބުނާގޮތުގައި، ބައެއް ހާލަތްތަކުގައި އެންޓިވައިރަސް އިން އެފަދަ ފައިލްތައް އޭގެ އަސްލު މަގާމަށް އަލުން އިއާދަކުރެއެވެ. މީގެ ސަބަބުން ސިސްޓަމް ފައިލްތައް އޯވަރައިޓްކޮށް، ސިސްޓަމްގެ ކޮންޓްރޯލް ނަގަން މަގުފަހިވާކަން ޕީއޯސީ އިން ދައްކައިދެއެވެ.

"އަހަރެން ދެކޭގޮތުގައި އެންޓި-މޭލްވެއާތަކުން ޖެހޭނީ ނުރައްކާތެރި ފައިލްތައް ނައްތާލަން. އެ ފައިލްތައް އެ ތަނުގައި ހުރިތޯ ޔަގީންކުރާކަށް ނޫން،" ކެއޯޓިކް އިކްލިޕްސް ބުންޏެވެ.

މި މަހުގެ ކުރީކޮޅު، އޭނާ ވަނީ "ބްލޫހެމާ" ގެ ނަމުން ނަންދީފައިވާ އެހެން ޒީރޯ-ޑޭ އެކްސްޕްލޮއިޓެއްވެސް ހާމަކޮށްފައެވެ.

މައިކްރޯސޮފްޓް ސެކިއުރިޓީ ރެސްޕޯންސް ސެންޓަރު (އެމްއެސްއާރުސީ)އިން އެއީ މާ ބޮޑު ސެކިއުރިޓީ މައްސަލައެއްކަމަށް ބަލައިގަންނަން ދެކޮޅު ހެދުމުން، އޭނާ ވަނީ އޭގެ ޕްރޫފް-އޮފް-ކޮންސެޕްޓް ކޯޑު އާންމުކޮށްފައެވެ.

ރެޑް ސަން އާ ގުޅޭގޮތުން ފަހުން ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އެމްއެސްއާރުސީ އާއެކު އޮތް ގުޅުން އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

މައިކްރޯސޮފްޓްގެ ޑިވެލޮޕަރުން ގަސްތުގައި އޭނާއަށް އަމާޒުކޮށް، އޭނާގެ އަގުވައްޓާލަން "ކުޑަކުދިން އުޅޭ ގޮތަށް" ކަންތައްތަކެއް ކުރަމުންދާކަމަށް އޭނާ ތުހުމަތުކުރިއެވެ.

"އެއް އިރެއްގައި ކަންތައްތައް އެހާ ގޯސްވި، އަހަރެންނަށް ހީވީ އަހަރެންނަށް މި މުއާމަލާތް ކުރެވެނީ ބޮޑު ކުންފުންޏަކާ ނޫންހެން، އަހަރެންނަށް ދިމާވާ ދަތިތަކާ މެދު އުފާކުރާ ބަޔަކާ ހެން. ނަމަވެސް އެއީ އެ މީހުން ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭ،" އޭނާ ބުންޏެވެ.

މިނިވަން ރިސާޗަރުންނަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި، މައިކްރޯސޮފްޓްގެ ސެކިއުރިޓީ ސްޓާފުން ދަނީ ސެކިއުރިޓީ ރިސާޗް ކޮމިއުނިޓީއަށް ހުރަސްއަޅަމުންކަމަށް ކެއޯޓިކް އިކްލިޕްސް ތުހުމަތުކުރިއެވެ.

މީގެ ކުރިންވެސް ބައެއް އެހެން ރިސާޗަރުން ވަނީ އެމްއެސްއާރުސީ އިން އަމަލުކުރާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިކަންކަން މިހެން ހުރި ނަމަވެސް، "ރެޑް ސަން" އަކީ ސީރިއަސް ސެކިއުރިޓީ މައްސަލައެއްގެ ގޮތުގައި ބަލައިގަނެ، ކޮމިއުނިޓީން ދަނީ މިކަމާމެދު މަޝްވަރާކުރަމުންނެވެ. ބްލޫހެމާ، ރެޑް ސަން، އަދި "އަންޑިފެންޑް" ގެ ނަންދީފައިވާ ތިންވަނަ ނާޒުކުކަމެއްގެ ފައިދާ ނަގައިގެން ދެމުންދާ ހަމަލާތަކެއް ވެސް ރިސާޗަރުންނަށް ވަނީ ފާހަގަކުރެވިފައެވެ.

ކެއޯޓިކް އިކްލިޕްސްއަށް "ރެޑް ސަން" ފެނިފައިވަނީ، މި މަހުގެ ޕެޗް ޓިއުސްޑޭގައި މައިކްރޯސޮފްޓުން ނެރުނު ސީވީއީ-2026-33825 ޕެޗް ދިރާސާކުރުމުގެ ތެރޭގައެވެ. އެމްއެސްއާރުސީގެ އަމަލުތަކާ މެދު ބަހުސްކުރެވެމުން ދިޔަ ނަމަވެސް، މި މައްސަލަތައް ހައްލުކުރުމަށް މައިކްރޯސޮފްޓުން އިތުރު ޕެޗްތައް ނެރޭނެކަމަށް ބެލެވެއެވެ.

ބައެއް ރިސާޗަރުން ލަފާދެނީ މައިކްރޯސޮފްޓް ޑިފެންޑާގެ ބަދަލުގައި ތާޑް-ޕާޓީ އެންޓިވައިރަސްއެއް ބޭނުންކުރުމަށެވެ. ކެއޯޓިކް އިކްލިޕްސް ވެސް ވަނީ އޭނާއަށް އެންމެ ކަމުދަނީ ޔޫރަޕްގެ އުފެއްދުމެއްކަމަށްވާ "ބިޓްޑިފެންޑާ އެންޓިވައިރަސް ފްރީ" ކަމަށް ބުނެފައެވެ.