ފިލްމު 'ލަވް އެންޑް ވޯ' ރިލީޒްކުރާ ތާރީޚު އެންމެ ފަހުން އިއުލާނުކޮށްފި
ފިލްމު 'ލަވް އެންޑް ވޯ' ރިލީޒްކުރާ ތާރީޚު އެންމެ ފަހުން އިއުލާނުކޮށްފި

އިންޑިއާގެ އެންމެ މަގުބޫލު ފިލްމު ޑައިރެކްޓަރުންގެތެރޭ ހިމެނޭ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" ރިލީޒްކުރާނެ ތާރީޚަކާ މެދު ކުރެވޭ ބަހުސްތަކެއް ނިމުން ގެނެސް ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފިއެވެ.

ބޮލީވުޑްގެ އޭ-ލިސްޓު ތަރިން ކަމަށްވާ ރަންބީރު ކަޕޫރުގެ ދެމަފިރިންނާއި ވިކީ ކޯޝަލް މުހިއްމު ރޯލްތަކުން ފެންނާނެ "ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަން ނިންމީ މި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހަށެވެ.

މި ފިލްމު އެންމެ ފުރަތަމަ ބެލުންތެރިންނަށް ގެނެސްދޭން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރަށެވެ. ނަމަވެސް ފިލްމުގެ ޝޫޓިންގްތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރިލީޒްކުރާނެ ވަކި ތާރީޚެއް ނާންގާ ފިލްމު ވަނީ ލަސްކޮށްފައެވެ.

މި ފިލްމަކީ މިހާތަނަށް ސަންޖޭ ގެނެސްދީފައިވާ ފިލްމުތަކާ މުޅިން ތަފާތު ސްޓައިލަކަށް އޭނާ އުފައްދާ ފިލްމެކެވެ. އެހެންކަމުން ފިލްމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ކަނޑަނޭޅި މިހާތަނަށް ލަސްވެފައިވަނީ އެ ސަބަބާހެދި ކަމަށް ސަންޖޭއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

އާލިއާ އަދި ރަންބީރު ފިލްމު "ލަވް އެންޑް ވޯ"ގެ ސެޓުގައި--ފޮޓޯ/ފިލްމުފެއަ

ބަންސާލީ އެން މެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ބަތަލާ އާލިއާ ބަޓްއަށް ނެޝަނަލް އެވޯޑު ކާމިޔާބުކޮށްދިން ފިލްމު "ގަންގޫބާއި ކަތިއާވާޅީ"އެވެ. މިއީ ވިކީ ކޯޝަލްއާ އެކު ބަންސާލީ މަސައްކަތްކުރާ ފުރަތަމަ ފިލްމަށްވާއިރު އޭނާ ވަނީ ރަންބީރާ އެކު ކުރިން މަސައްކަތްކޮށްފައެވެ. ރަންބީރު ބޮލީވުޑަށް ނެރުނު 2007 ވަނަ އަހަރުގެ ފިލްމު "ސާވަރިޔާ" އަކީ ސަންޖޭގެ އުފެއްދުމެކެވެ.

ސަންޖޭ މިހާތަނަށް އުފައްދާފައިވާ ރީތި ފިލްމުތަކުގެތެރޭ، "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ދޭވްދާސް"، "ރާމް-ލީލާ'، "ބަޖިރާއޯ މަސްތާނީ އަދި "ޕަދުމާވަތު" ހިމެނެއެވެ.