13 Sep 2012, 02:02
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުން ނިއު ކަޓުވާލުމަށްފަހު ނިއު އަކީ ވަކިވަކި ކުޅުންތެރިންގެ ހުނަރުން ކުޅޭ ޓީމެއް ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނެފި އެވެ.
އެފްއޭކަޕް ކުއާޓާ ފައިނަލުގައި ނިއު އަތުން 1-0 އިން މޮޅުވެ ސެމީ އަށް ދިޔަ މެޗަށް ފަހުގެ ސާންތީ ބުނީ "ނިއުއަކީ ވަކިވަކި ކުޅުންތެރިންގެ ހުނަރުން ކުޅޭ ޓީމެއް،" ކަމަށާއި މިހެންވެ "މެޗަށް ނުކުތީ ވެސް އަޝްފާގަށް ލިބޭ ބޯޅަތައް ހުއްޓުވަން ވިސްނައިގެން،" ކަމަށެވެ.
ބަކާ އާއި ފަރީދު އަދި ހަމްދާނަށް ދިނީ އެގޯލު. އެދޭތެރެ އަށް (މިޑްފީލްޑާއި އަޝްފާގާ ދެމެދަށް) ފަރީދު ލައިގެން އެކަން ވަރަށް ރަނގަޅަށް ކާމިޔާބުވި. ނިއުއާ އެކު ކުޅެވޭނީ ފާރެއްހެން އެތުރިގެންތިބެ،" ސާންތީ ބުންޏެވެ.
ނަމަވެސް ސާންތީގެ ވާހަކައާ ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެއްބަހެއްނުވެ އެވެ. އޭނާ ބުނީ ނިއު އަކީ ވަކިވަކި ކުޅުންތެރިންގެ ހުނަރުން ކުޅޭ ޓީމެއް ނޫން ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް މޮޅު ކުޅުންތެރިން ތިބެންޏާ އެކަން ފެންނާނެ. އަޅުގަނޑެއް ގަބޫލެއް ނުކުރަން މޮޅު ގިނަ ކުޅުންތެރިން ތިބުމަކީ ނިއުގެ ބަލިފައެއްގެ ގޮތުގައި ނުބެލެވޭނެ. އެހެން ނޫންނަމަ ބާސެލޯނާގައި ވެސް އެކަން ފެންނާނެ. ދިހަ މެޗުން އަށް މެޗުގައި އެ ޓީމު މޮޅުވަނީ މެސީގެ ސަބަބުން. މޮޅަށް ކުޅެ ބަލިވާ ދުވަސްވެސް އަންނާން. ދަށްކޮށް ކުޅެ މޮޅުވާ ދުވަސްވެސް އަންނާނެ،" މޯހަން ބުންޏެވެ.
ނަމަވެސް ނިއުގެ ކުރީގައި ތިބި ހަތަރު ފޯވަޑުން މާބޮޑަށް ކޮއްޓާ ވާހަކަ އަކީ ފުޓްބޯޅަ ކޯޗުންނާއި ބެލުންތެރިން އަދި ނޫސްވެރިން ވެސް ދައްކާ ވާހަކައެކެވެ. އެކަން ނޫސްވެރިންގެ ހާޒިރުގައި ފާހަގަ ނުކުރި ނަމަވެސް ނިއުގެ ކޯޗިން ޓީމުން ޕްރެކްޓިހުގައި އެކަން ފާހަގަކުރާ ކަމަށް އެ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.