އުތުރުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ 'އަޕާ ނޯތު ޕޮލިސް'ގައި ހިމެނޭ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު 13:10 ކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުންނެވެ.

އެ ވީޑިއޯގައި ކުޑަ އަންހެން ކުއްޖަކު ގަހަކާލައި، އަތް ބަނދެފައިވެއެވެ. އަދި ސަލާމަތްވެވޭތީ އެ ކުއްޖާ މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.