ދެމެހެއްޓެނިވި މުސްތަގުބަލަކަށް ޒިންމާދާރު ވެރިން މުހިންމު: އަބްދުއްރަހީމް
ދެމެހެއްޓެނިވި މުސްތަގުބަލަކަށް ޒިންމާދާރު ވެރިން މުހިންމު: އަބްދުއްރަހީމް

ދެމެހެއްޓެނިވި މުސްތަގުބަލަކަށް ޒިންމާދާރު ވެރިން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ، މިހާރު ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށްދާ އިންޓާ ޕާލަމެންޓަރީ ޔޫނިއަން އައިޕީޔޫގެ 152ވަނަ އެސެމްބްލީގައި ދެއްވި ތަގުރީރުގައެވެ. އައިޕީޔޫގެ މި އަހަރުގެ އެސެމްބްލީގެ މައުޟޫޢުއަކީ "އަންނަން އޮތް ޖީލުތަކަށްޓަކައި، އުންމީދު އާލާކޮށް، ސުލްޙަމަސަލަސްކަން ޤާއިމުކޮށް، އަދި އިންސާފު ކަށަވަރުކޮށްދިނުން"މެވެ.

އެ މައުޟޫޢަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސް ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ތަގުރީރުގައި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ޝާމިލުކުރުމުގެ ތެރެއިން، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ ބޭނުންތެރިކަން ވަނީ ފާހަގަކުރައްވާފައެވެ.

އަދި، ރައްޔިތުންގެ އުންމީދުތަކުން ނަތީޖާ ނެރެވޭފަދަ ޤާނޫނުތަކާއި، ސިޔާސަތުތަކާއި، ބަޖެޓުތަކަށް ބަދަލުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން މުހިންމު ދައުރެއް އަދާކުރާކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޞުލްޙައާއި، މަޝްވަރާއާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމާއި ދުނިޔޭގެ ހަމަޖެހުން ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމު ދައުރުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ ކަންކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޚާއްޞަކޮށް ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --- ފޮޓޯ: މަޖިލީސް

މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑު ޤައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން، އިންޞާފު ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ވަރުގަދަ ދިމިޤްރާޠީ މުއައްސަސާތަކެއް ހުރުމާއި، ޒިންމާދާރުވެރިން ޤާއިމުކުރުމާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ އިތުރުން ޤާނޫނުގެ ސިޔާދަތު ދެމެހެއްޓުމުގެ މުހިންމުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އަދި، ދިމިޤްރާޠީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަވާ، ޤާނޫނު ހެދުމުގެ މަރުޙަލާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި މަޖިލީހުގެ މަސައްކަތްތަކަށް ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރެވުނު 'އީ ޕެޓިޝަން' ނިޒާމުގެ މައްޗަށް އެ މަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި މަޝްވަރާކޮށް ގުޅިގެން މަސައްކަތްކުރުމަށް އޮތް މުހިންމު މަންސައެއްގެ ގޮތުގައި އައިޕީޔޫގެ މުހިންމު ދައުރަށް އަލިއަޅުއްވާލައްވައި ބައިނަލްއަޤުވާމީ ފެންވަރުގައި ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޙަމަލާތައް ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް އިޙްތިރާމްކުރުމަށާއި، ހިނގަމުންދާ ހަމަނުޖެހުންތަކަށް ޞުލްޙަވެރި ޙައްލެއް ހޯދުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މަޖިލީހުގެ ރައީސްގެ ތަޤްރީރު ނިންމަވާލައްވާފައި ވަނީ ޞުލްޙަވެރި، އިންޞާފުވެރި، އަދި އުންމީދީ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.