17 Apr 2026, 13:10
ޒަކާތަކީ އޭގެ ސަބަބުން ނިކަމެތި މުޖުތަމައުތަކަށް އާ ދިރުމެއް ގެނެސްދޭ ކަމެއް ކަމަށާއި އެއީ ހަމައެކަނި އެހީތެރިކަމެއް ނުވަތަ ސަދަގާތެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ކިޔާފައިވަނީ އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގައި ޒަކާތުގެ ދައުރުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ދުޅަހެޔޮ އިގުތިސާދެއް މިނެކިރަނީ އެ މުޖުތަމައުގައި އެންމެ މުއްސަނދީންގެ އަތުގައި ޖަމާވެފައި ހުރި މުދަލުގެ މިންވަރަށް ނޫން ކަމަށާއި އޭގެ ބަދަލުގައި މުޅި މުޖުތަމައުގައި މުދާ ދައުރުވާ މިންވަރުގެ މައްޗަށް ކަމަށެވެ. އެގޮތަށް، މުޖުތަމައުގެ ހުރިހާ ފަންތިއަކަށް މުދާ ފޯރުކޮށްދީ، ނިކަމެތިވެފައިވާ މުޖުތަމައުތަކަށް އާ ދިރުމެއް ގެނެސްދޭ ނިޒާމަކީ ޒަކާތް ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.
"ކީރިތި ރަސޫލާ (صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ) މުޢާޛު ބުނު ޖަބަލު (رَضِيَ الله عَنْه)އަށް ދެއްވި އިރުޝާދުގެ މާނައިގައިވެއެވެ. މާތް ﷲ އެ ބައިމީހުންގެ މައްޗަށް ޞަދަޤާތެއް (އެބަހީ:ޒަކާތް) ފަރުޟުކުރައްވައިފައިވާ ކަން އެ ބައިމީހުންނަށް ބުނެދޭށެވެ! އެއީ އެ ބައިމީހުންގެ ތެރޭގައިވާ މުއްސަނދީންގެ އަތުން ނެގި، އެ ބައިމީހުންގެ ތެރޭގައިވާ ފަގީރުންނަށް ރައްދުކުރެވޭ އެއްޗެއްގެ ގޮތުގައެވެ،" ޚުތުބާގައި ހަނދާންކޮށްދިނެވެ.
ޒަކާތުގެ މާނައަކީ ޠާހިރުވުމާއި އިތުރުވުމެވެ. ޒަކާތް ނެރޭ މީހާގެ ނަފުސު، ދަހިވެތިކަމާއި މުށްބާރުކަމާއި، ފަނާވެދަނިވި މި ދުނިޔޭގެ މުދަލަށް އޮންނަ ލޯބީން، ޠާހިރުކޮށްދޭ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، ހިސާބުކިތާބުން އަންދާޒާ ވެސް ނުކުރެވޭ ފަދަ ގޮތެއްގައި މުދަލުގައި ބަރަކާތްލެއްވޭނެކަން ހަނދާންކޮށްދިނެވެ.
"މުސްލިމް އަޚުންނޭވެ! މިއީ ހަމައެކަނި ފަލްސަފާވެރި ފިކުރެއް ނުވަތަ ހަޤީޤަތާ ދުރު، ޚިޔާލީ އުންމީދެއް ނޫނެވެ. ޒަކާތުގެ ސަބަބުން މުޖުތަމަޢަށް އަންނަ ހެޔޮ ބަދަލުތައް އިސްލާމީ ތާރީޚު ވަނީ ދެކެފައެވެ،" ޚުތުބާގައި ހަނދާންކޮށްދިނެވެ.
މަޝްހޫރު ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒު (رَحِمَهُ الله)ގެ ވެރިކަމުގައި، ޒަކާތުގެ ނިޒާމު ޤާއިމުކުރެވުނީ އިންޞާފުވެރިކަމާއި ޢަދުލުވެރިކަމުގެ މައްޗަށެވެ. ނަތީޖާއަކީ، ފަޤީރުންނާއި މިސްކީނުންގެ ޙާލަތު ރަނގަޅުވެ، ދަރަނިވެރީން ދަރަނިތަކުން ސަލާމަތްވެ، ޒަކާތުގައި ހިފާނޭ މީހަކު ނެތި، ޒަކާތުގެ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުން ކަމަށް ޚުތުބާގައި ބުންޏެވެ.
މުދަލު ޒަކާތަކީ މުޖުތަމަޢެއް ބިނާވެ، ކުރިއެރުމުގެ އެންމެ މުހިންމު އަސާސީ އެއް ބިންގާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
"އިލާހީ ޤާނޫނުތަކާއި މި ނިޒާމަކީ، ޒަމާން ބަދަލުވުމުގެ ސަބަބުން ބާވެ، އުވޭނޭ ކަންތައްތަކެއް ނޫނެވެ،" ޚުތުބާގައިވެއެވެ.
ދުނިޔޭގެ އެންމެ ބޮޑު މުސްލިމު އާބާދީ އޮންނަ އިންޑޮނޭޝިއާގެ ޒަކާތުގެ އިދާރާއިން 2024 ވަނަ އަހަރު ނެރެފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ އަހަރެއްގެ ތެރޭގައި 1.35 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޒަކާތުގެ ސަބަބުން، ފަޤީރުކަމުގެ ޙާލަތުން ސަލާމަތްވެފައިވެއެވެ. މީގެ ތެރޭގައި އިންތިހާ ދަރަޖައިގެ ފަޤީރުންގެ ތެރެއިން 720،000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.
އެ އަދަދުތަކާ މެދު ފުންކޮށް ވިސްނާލަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
މުސްލިމް އުންމަތުގެ ފަޤީރުކަމަކީ ވަސީލަތްތައް ނެތުމާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި އެއީ ޒަކާތް އަދާނުކުރުމާ ގުޅޭ މައްސަލައެއްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. މެލޭޝިއާގައި ޒަކާތުގެ އެހީގައި ތަޢުލީމު ހާސިލުކުރާ ނުވަތަ ވިޔަފާރި ފަށަން އެހީތެރިކަން ލިބޭ ފަޤީރުންނާއި މިސްކީނުން، މަދު އަހަރުތަކެއްގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވެ، ޒަކާތް ދޭ މީހުންނަށް ބަދަލުވާކަމީ ފެންނާން އޮތް ޙަޤީޤަތެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.