13 Sep 2012, 02:00
ސީޒަނުގައި މިހާތަނަށް ބަލިނުވެ އޮތް، ވަރުގަދަ ނިއު 1-0 އިން ބަލިކޮށް އީގަލްސް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ރޭ ދަތުރުކޮށްފި އެވެ.
ނަމަވެސް ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މެޗަށް ފަހު ބުނީ ނިއު އަކީ މެޗުގެ ފަސް ވަނަ މިނިޓްގައި ޔޫސުފް ރަމީޒް ކާމިޔާބު ކޮށްދިން ލަނޑަށް ޖަވާބު ނުދެވޭ ވަރުގެ ޓީމެއް ނޫން ކަމަށެވެ.
"އެންމެ ބަލިވާން ބޭނުންނުވާ މެޗުން މި ބަލިވީ. އެއީ ބަލިވެއްޖިއްޔާ މި މުބާރާތަކު ދެން އިތުރު ފުރުސަތެއް ނުލިބެތީވެ،" މޯހަން ބުންޏެވެ.
އޭނާ އަދި ބުނީ ނިއު ބަލިވީ މެޗު ފެށިގެން އައިއިރު ހެދި ގޯސްތަކުން ކަމަށެވެ.
"އަބަދުވެސް ބުނަން ކުޅުންތެރިންގެ މަސައްކަތުންނާ މިހިފަހައްޓަނީ. ނިއު އަކީ ބަލިނުކުރެވޭ ވަރުގެ ޓީމެއްނޫން. ދެން ކޮންމެ ދުވަހަކީ ކިތަންމެ މޮޅު ފޯވަޑުން ތިއްބަސް ގޯލު ޖެހޭނެ ދުވަހެއްނޫން. މިރޭ ވެސް ފުރުސަތު ލިބުނު. (ކެޕްޓަން އަހުމަދު ތޯރިގް) ޓޮމް އަށް ވެސް ހުސްކޮށްވެސް ލިބުނު. ސީޒަނުގައި ބަލިނުވެ މިހިސާބަށް އައުމަކީ ވެސް ކާމިޔާބެއް،" މި ސީޒަނުގައި ބަލިނުވެ 14 މެޗު ފުރިހަމަ ކޮށްފައިވާ ޓީމުގެ ކޯޗު ބުންޏެވެ.
އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ މެޗުން މޮޅުވީ އޭނާގެ ކުޅުންތެރިންގެ މަސައްކަތުން ކަމަށާއި ނިއުއާ ދެކޮޅަށް ފަހަތުގައ ތިބުން ނޫންގޮތެއް ނޯންނާނެ ކަމަށެވެ.
"ނިއުއަކީ އިންޑިވިޖުއަލް މޮޅު ކުޅުންތެރިންގެ ތިބެގެން ކުޅޭ ޓީމެއް. ޓީމެއްގެ ގޮތުގައި ނިއު އެންމެ ރަނގަޅެއްނޫން. އެހެންވެ މެޗަށް ނުކުތީ ވެސް (އަލީ) އަޝްފާގަށް (ދަގަނޑޭ) އަށް ލިބޭ ބޯޅަތައް ހުއްޓުވަން ވިސްނައިގެން. ބަކާ އާއި ހަމްދާން އަދި ބަކާ ލައްވައި ކުރުވީ އެ މަސައްކަތް. އެކަން ވަރަށް ރަނގަޅަށް ކާމިޔާބުވީ. އެކަމަކު މިރޭ ފަހުހާފުގައި ނިއު ޓީމެއްގެ ގޮތުގައި ތަންކޮޅެއް ރަނގަޅު. އެކަމަކު ކުޅުންތެރިންގެ ވަރަށް މަސައްކަތުން މިމޮޅުވީ،" މުޅިން ވެސް ދިވެހި ކުޅުންތެރިންނާ އެކު ކުޅެމުން އަންނަ އީގަލްސްގެ ކޯޗު ސާންތީ ބުންޏެވެ.
މި މެޗުން މޮޅުވުމުން ސެމީ ފައިނަލްގައި އީގަލްސް ވާދަ ކުރަން ޖެހޭނީ އިއްޔެރޭ ޗެމްޕިއަން ވީބީ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި އޭވައިއެލްއާ އެވެ.