17 Apr 2026, 11:41

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ވެރިކަންކުރާ ޕީއެންސީއަށް ލިބުނީ 'ބީ' ރިޕޯޓެއް ކަމަށާއި އެ ޕާޓީން 'ބީ' ރިޕޯޓު ގަބޫލުނުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެެ.
ލޯކަލް ކައުނސްިލް އިންތިޚާބުގައި ހއ. މުރައިދޫގެ ކޮންގްރެސް ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި މިނިސްޓަރު ޝިޔާމް ވަނީ ބޭއްވި ކައުންސިލް އިންތިޚާބުން މޮޅުވިތޯ އެއީ އުފައްދަވާ ސުވާލެއް ކަމަށް ވިދާޅުވެފައެވެ.
މިނިސްޓާރު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުން މި ފަހަރު ސަރުކާރަށް ލިބުނީ 'ބީ' ރިޕޯޓެއް ކަމަށެެވެ.
އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް މި ފަހަރު ލިބުނީ ބީ ރިޕޯޓެކޭ. ބީ ރިޕޯޓެކޭ. ވެރިކަމުގައި ތިބެގެން ބީ ރިޕޯޓެއް ލޯކަލް ކައުންސިލް އިންތިޚާބުގައި ހޯދީ ކޮން ބައެއްތޯ ދެން، މިއީ އަޑު އައްސަވާ ބޭފުޅުން ބައްލަވާ މިހާރު ވަރަށް ފަސޭހަވާނެ،ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް
ޝިޔާމް ވިދާޅުވީ، އެ ޕާޓީން 'ބީ' ރިޕޯޓު ގަބޫލުނުކުރާ ކަމަށެވެ. އެ ޕާޓީއަކީ 'އޭ' ރިޕޯޓު ހޯދަން ބޭނުންވާ ޕާޓީއެއް ކަމަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭނުންވަނީ 'އޭ' ރިޕޯޓު ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން އިންތިޚާބު ނިމުމާ އެކު، ރައްޔިތުން ދެއްކެވި ވާހަކަ ރައީސް މުއިއްޒު އަޑު އައްސަވައިފި ކަމަށާއި އެ ވަގުތުން ފެށިގެން ރައްޔިތުން ވިދާޅުވި ކަންކަން ފައްޓަވައިފި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި، ޑިމޮކްރަސީއެއްގައި ފެންނާނެ އެންމެ ރީތި މަންޒަރަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ބަސް ގަބޫލުކުރުން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ހއ. މުރައިދޫގެ ކޮންގްރެސް ކެނޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: ޕީއެންސީ
މިއީ ނޫންތޯ ޑިމޮކްރަސީއެއްގައި ފެންނާނެ އެންމެ ރީތި ސިފަޔަކީ. އަޅުގަނޑުމެން މިދިޔަ ސަރުކާރުގައި ދުށިން، ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރީމާ ވެސް ވަޒީރަކު ވަކިކުރަން ނުކެރިގެން އުޅުނީ. ބަލަދުއަރާފައި ތިބީ. ވަތްގަނޑު ހުސްކުރިއިރު ވެސް ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާއަށް ހުރިހާ ވަޒީރުންގެ ބަލަދު އަރައިގެން ވެރިކަން ހިންގިތަން އަޅުގަނޑުމެން ދުށިން،ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް
މިނިސްޓަރު ވިދާޅުވީ، އިންތިޚާބުގައި 75 އިންސައްތައަށްވުރެ ގިނަ ރައްޔިތުން ނުކުމެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލި ކަމަށެވެ. މީގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބުގައި ޓާންއައުޓް ގިނަކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އެހާ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލާން ނުކުތް ސަބަބެއް ވެސް ބަލާލަން ޖެހޭ ކަމަށެވެ.
އެ ގޮތުން، ޝިޔާމް ވިދާޅުވީ، މީހުން ވޯޓުލާން ނުކުތީ ރައްޔިތުން ވޯޓުލުމުގެ ނިޒާމަށް ކުރާ އިތުބާރުގެ ސަބަބުން ކަމަށެެވެ. އަދި، އިންތިޚާބުން ސަރުކާރުން ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތަކެއް ނަގައިފި ކަމަށާއި މި އިންތިޚާބުން ސަރުކާރަށް ވަރަށް ގިނަ ކާމިޔާބީތަކެއް ނެގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެ ގޮތުން، މިއަދު ވެރިކަމުގައި ހުންނަވާ ބޭފުޅާ، އިލެކްޝަން ކޮމިޝަނަށް އަތް ނުބާނާނެކަން ރައްޔިތުންނަށް އެނގޭކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޓީގެ އަޅުގަނޑުމެންނަށް އެންމެ މުހިންމު އެއް މެންބަރެއްގެ ގޮނޑި ސުޕްރީމް ކޯޓުގެ އެ ހުކުމާ އެކު އެ ދިޔައީ. މީގެން މި ބުނެދެނީ ކޯޗެއްތޯ؟ ނިޒާމަށް އޮތް އިތުބާރު،ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް
މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިއަދު ފެންނަނީ ސަރުކާރުން މޮޑެން ހަދައިގެން ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް ސަރުކާރުން ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް އަޅައިގެން ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދާ މަންޒަރު ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ މެދުގައި ޚިޔާލު ހޯދުމަށް ނެގި އާންމު ވޯޓުން ވެސް ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން، ވެރިކަން ކުރާ މާލެ ސިޓީގެ އިތުރުން އައްޑުއާއި ފުވައްމުލަކާއި ކުޅުދުއްފުށްޓާއި ތިނަދޫގެ އިންތިޚާބުން ވެސް ކާމިޔާބުކުރެއްވީ މިހާރު ވެސް މޭޔަރު ކަމުގައި ތިއްބެވި، އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި ރާއްޖޭގެ ފަސް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ގޮނޑިވެސް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
މީގެ އިތުރުން، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް މި ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން އުޅުނު އިސްލާހާ ދެކޮޅަށް 69 އިންސައްތަ މީހުން ވަނީ ވޯޓު ދީފައެވެ.