ހަށިވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި މާސާޖު ޕާލާއެއް ރެއިޑްކޮށް، ހަ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިރޭ 9:30 ގައި ރެއިޑްކޮށްފައި ވަނީ ކެމްޕަސް ގޯޅިގަނޑުގައި ހުންނަ މއ. ކަލްކަތާގެ ތިން ވަނަ ބުރީގައި ހިންގާ މަސާޖުޕާލާއެކެވެ. އެތަނުން ހައްޔަރު ކުރި މީހުންގެ ތެރޭގައި މީހުންގެ ތެރޭގައި ދިވެހި ފިރިހެނަކު ވެސް ހިމެނެ އެވެ. އޭނާއާއެކު ތައިލެންޑުގެ އަންހެނަކާއި ބަންގްލަދޭޝް ދެ އަންހެނުންނާއި ބަންގްލަދޭޝް ދެ ފިރިހެނުން ވެސް ހިމެނެ އެވެ.

ކަލްކަތާގޭގައި ހިންގާ މަސާޖުޕާލާގައި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ފުލުހުންގެ ވެހިކަލަށް އެރުވި ގަޑީގައި އެ ސަރަހައްދަށް މީހުން އެއްވެ، ހައްޔަރު ކުރި މީހުނަށް ނިސްބަތްކޮށް ތަފާތު ބަސްތަކުން ގޮވާފައި ވެއެވެ.

ފުލުހުން ބުނީ މިރޭ ހައްޔަރު ކުރި މީހުންގެ ވަނަވަރާއި މަސާޖު ޕާލާއަށް ފުލުހުން ވަން އިރު، އެތަނުން ފެނުނު ފޮރެންސިކް މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށެވެ. މަސާޖުޕާލާއެއް ރެއިޑްކޮށް މިރޭ ހަ މީހަކު ހައްޔަރު ކޮށްފައިވާއިރު މިދިޔަ ހޯމަ ދުވަހު ރޭ ވެސް ވަނީ ހ. ފިލެޑެލްފިޔާ ގޭގައި ހިންގި ސޮންޑޯ ބޮން ބިއުޓީ ކެއާ އެންޑް ސެލޫނުން ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ފަހުން ހަށިވިއްކަމުންދިޔަ ކަމުގެ ތުހުމަތުގައި މިހާތަނަށް 23 މަސާޖުޕާލާއެއް ބައްދުކޮށް، 90 ވަރަށް މީހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން 43 މީހަކު ޑީޕޯޓް ކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.